ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކެއުން، އަދި އަޟްޙާ ޢީދު ނަމާދުން އެނބުރި އައުމަށް ފަހު ކެއުން،
މިއީ ރަސޫލުﷲ ﷺގެ އަރިހުން ޘާބިތު ކަމެކެވެ. އަޟްޙާ ޢީދާ ޚިލާފަށް ފީޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން އެކަލޭގެފާނު ކަދުރު ފަރިއްކުޅުއްވަ އެވެ.
އަނަސް(ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ؛
“كَانَ رَسُولُ اللَّهِ صلى الله عليه وسلم لاَ يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ. وَيَأْكُلُهُنَّ وِتْرًا.” (البخاري 953)
މާނައީ: ” ރަސޫލުﷲ ﷺ ކަދުރުކޮޅެއް ފަރީއްކުޅުވުމަށް ފަހު މެނުވީ، ފިޠުރު ޢީދުދަވަހު (ޢީދުނަމާދަށް) ވަޑައިނުގަންނަވައެވެ. އަދި އެކަލޭގެފާނު ކަދުރު ފަރީއްކުޅުއްވަނީ އޮނަހިރި އަދަދަކަށެވެ.”
ހިނައިގަތުން
މިއީ ބައެއް ޞަޙާބީންގެ އަރިހުން ޘާބިތުވާކަމެވެ. ޢަބްދުﷲ ބުން ޢުމަރު(ރަޟިޔަﷲ ޢަންހު) ފިޠުރު ޢީދުދުވަހު ހެނދުނު ޢީދުނަމާދު ކުރާ މައިދާނަށް ނުކުތުމުގެ ކުރިން ހިނައިގަންނަވާ ކަމަށް الموطأ (އަލްމުޥައްޠާ) ގައި ޞައްޙަމަގުން ގެންނަވާފައިވެއެވެ.
ރީތިވެ ނަލަވުން
ޢީދުދުވަހު ރީތި ހެދުމެއް ލައި ނަލަވުމަކީ ސުންނަތުން ޘާބިތުވާކަމެކެވެ. އެފަދަ އެފާވެރި ދުވަހެއްގައި އެފަދައިން ރީތިވެ ނަލަނުވާންވީ ސަބަބެއް ނެތެވެ. ޖާބިރު(ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ޢީދުދުވަހާއި ހުކުރުދުވަހު ތުރުކުރެއްވުމަށް ނަބިއްޔާ ﷺ ޖުއްބާއެއް ގެންގުޅުއްވިއެވެ.” (صحيح ابن خزيمة 1765)
އެހެންކަމުން، އެދުވަހު ޒީނަތްތެރިވުން ސުންނަތް ވެގެންވެއެވެ. އެކަމަކު، އަންހެން ކަނބަލުން ހިލޭ ފިރިހެންނުންގެ ތެރެއަށް ނިކުންނަ ކަމުގައި ވާނަމަ އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރުމާއި މީރުވަސްދުވާ އަތަރު ފަދަ ތަކެތި ބޭނުން ކުރުން ހުއްދަވެގެންނުވެއެވެ.
ޢީދު ނަމާދަށް ދާ މަގާއި، އެނބުރި އަންނަ މަގު ތަފާތުކުރުން
عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ . (رواه البخاري 986)
ޖާބިރު ބުން ޢަބްދުﷲ(ރަޟިޔަﷲ ޢަންހުމާ) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ﷺ ޢީދު ދުވަސް އަންނަހިނދު (ޢީދުނަމާދަށް ވަޑައިގަންނަވާ މަގާއި، އެނބުރި ވަޑައިގަންނަވާ މަގު ތަފާތުކުރައްވައެވެ.)
ތަކްބީރު ކިޔުން
ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިން މިއީ މަތިވެރިވެގެންވާ ސުންނަތެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
“وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ”
މާނައީ: ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދުފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲއަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ.”
ޢީދު ތަހުނިޔާ ކިޔުން
ރިވެތިވެގެންވާ ބަސްތަކުން ޢީދު ތަހުނިޔާ ކިޔުމަކީ ޢީދުގެ އަދަބުތަކުގެ ތެރެއިންވާ އަދަބެކެވެ. އެގޮތުން “تَقَبَّلَ اللهُ مِنَّا وَمِنْكُمْ” (“އަޅަމެންގެ ފަރާތުންނާއި ތިޔަބޭފުޅުންގެ ފަރާތުން މާތް ﷲ (އަޅުކަންތައް) ޤަބޫލުކުރައްވާފާދޭއެވެ.”) ނުވަތަ “ޢީދު މުބާރަކް” ފަދަ ޢިބާރާތަކުން ޢީދު ތަހުނިޔާ ކިއިދާނެއެވެ.
ޢީދު ދުވަހު ރޯދަ ނުހިފުން
ޢީދު ދުވަހު ރޯދަ ހިފުމަކީ ޙާރާމް ކަމެކެވެ. އެދުވަހަކީ އުފާކުރުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް،ކައިބޮއެ އުޅުމުގެ ދުވަހެއް ކަމުން ރޯދަ ނުހިފުމަށް މާތް ނަބިއްޔާ ﷺ އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى” ) صحيح البخاري، 1197)
”ދެ ދުވަހެއްގައި ރޯދައެއް ނުވެއެވެ. އެއީ ފިޠުރާއި އަޟްޙާ ދުވަހެވެ.”
ޢީދުގެ އުފަލުގައި އަންހެން ބޭފުޅުން ބައިވެރިވުން
ޢީދުގެ އުފަލުގައި އަންހެން ކަނބަލުން ބައިވެރިވުމަށް ރަސޫލުﷲ ﷺ އިރުޝާދު ދެއްވިއެވެ. އެގޮތުން، އަންހެނުން ޙައިޟުގެ ދުވަސްވަރު ކަމުގައި ވިޔަސް ޢީދު ނަމާދަށް ނިކުތުމަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުން ނަމާދުގައި ބައިވެރި ނުވިކަމުގައިވިޔަސް މުސްލިމުންގެ ދުޢާގައި ބައިވެރިވުމާއި ނަމާދު ކުރާތަން ދުށުމަށް އެތަނަށް ނިކުތުމަށް އެންގެވިއެވެ.
އެހެންކަމުން، ހުރިހާ އަންހެން ބޭކަނބަލުން ވެސް ޢީދުގެ އުފަލުގައި ބައިވެރިވުމަށް ނިކުތުމަކީ ސުންނަތްވެގެންވާ ކަމެކެވެ. މާތް ﷲ މިއަޅާ އާއި ތި އެންމެހާ އަޚުންނާއި އުޚުތުންގެ ރޯދަތަކާއި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށިއެވެ! ޢީދު މުބާރަކް!
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.