ރޭ މާލޭގައި ގުދަނެއްގައި ރޯވި ހާދިސާގެ ހާއްސަ ތަހުގީގެއް ފުލުހުން ފަށައިފި އެވެ.
ރޭ ރޯވީ މާފަންނު، އިއްޒުއްދީން މަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެއްގަ އެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 9:57 ގައި ކަމަށެވެ. އަދި އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާ، ޕެސްޓިސައިޑްސް އަދި ދަނޑުވެރި ކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއް ވެސް ހުރި ތަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނެފައި ަނީ އަލިފާންގަނޑު ރޭ 10:49 ގައި ކޮންޓްރޯލްކުރި ކަމަށެވެ. އެކަމަކު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:58 ގައި ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައި." ބުންޏެވެ.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ އެވެ. އަދި އެ ހާދިސާއާ ގުޅިގެން 32 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވެ އެވެ.