Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އީދުގެ އުފާ ފާހަގަކުރާން އިސްލާމީ މިންގަނޑުން ބޭރުނުވާތި

ރައީސް ޑރ. މުހައްމަދު މުއިއްޒު

އީދުގެ އުފާ ފާހަގަކުރާއިރު އިސްލާމީ މިންތަކަށް ފަރުވާތެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތް ކަމަށާއި ޢީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށެވެ.

"އެހެންކަމުން، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމެވެ. އެހެނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށެވެ،" ރައީސް ވިދާޅުވި އެވެ.

ޢީދުގެ އެއް ފަރާތުގައި ވަނީ ރޯދަ މަސް ކަމަށްވާއިރު އަނެއް ފަރާތުގައި ވަނީ ހަ ރޯދަކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރޯދަ ނިމުމުން އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީ ނޫން ކަމާއި އަލުން ފަށައިގެން ކުރިޔަށް ދިޔުމުގެ ދަޢުވަތު، ހަ ރޯދައިން ލިބިދޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން މި އަހަރުގެ ޢީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި ޚާއްޞަކޮށް، ފަލަސްޠީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަޚުންނެއް، އުޚްތުންނެއް ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ތިބިކަން ރައީސް ފާހަގަކުރެއްވި އެވެ.

"މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމުއެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތެވެ،" ރައީސް ވިދާޅުވި އެވެ.