Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޑްރަގު މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ) އާއި ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ) އެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ.

އެގޮތުން ރޭ ހުޅުމާލެ މިދިލިމަގުން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 87 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 143.4 ގުރާމް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.