ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ލޯންޗުގައި ޖުމުލަ 7 މީހުން ތިބި ކަމަށާއި އެއީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައިވަނީ 5 މީހުން ކަމަށާއި އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
މީގެއިތުރުން މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.