Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޒަކާތުން 500،000ރ. ގާޒާގެ ރައްޔިތުންނަށް

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން، ގާޒާގެ ރައްޔިތުންނަށް 500،000ރ. ހަދިޔާކުރަން ނިންމައިފި އެވެ.

ޒަކާތު ހައުސް އިން ބުނީ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް 500،000ރ. ހަދިޔާކުރީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ފައިސާ ޒަކާތު ހައުސްގެ ފަރާތުން ހަވާލުކޮށްފައިވަނީ އިސްރާ އެސޯސިއޭޝަނާ އެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000ރ. އެވެ.

ޒަކާތު ހައުސްއިން ބުނީ ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000ރ. ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިޠުރު ޒަކާތް ބެހި ފަހަރު ކަމަށް ޒަކާތު ހައުސިން އިން ބުނެ އެވެ.