Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ހަސަދަވެރިކަމާއި ބައިބައިވުމުން ދުރުވެ، އެކުވެރިވާން ގޮވާލައިފި

ހަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވެ، އެކުވެރިވުމަށް ޢީދު ޚުތުބާގައި ގޮވާލައިފި އެވެ.

އީދު ހުތުބާގައި ބުނީ ފިޠުރު ޢީދު ދުވަހަކީ އަޅަމެންނަށް ހިދާޔަތްދެއްވިކަމަށްޓަކައި، މާތްﷲ އަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތްﷲ ގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުސް ކަމަށާއި އަދި މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށެވެ.

މި ބާއްޖަވެރި ދުވަހު މާތްالله ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދާންކުރަންޖެހޭ ކަމަށާއި އަދި އެކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމަށާއި ދީންމަތީގައި ސާބިތުވެ ތިބުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މުސްލިމުންގެ ޢީދުން ފެންނަނީ، އެއްބައިވަންތަކަން ފާހަގޮށް ޚުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް ގޮވާލާފަ އެވެ. އަދި ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރަން ޖެހޭއިރު މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތައް ކަމަށާއި އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުންކަން ޚުތުބާގައި ވަނީ ބުނެފަ އެވެ.

ޢީދު ދުވަހު ކޮންމެ މީހަކުވެސް އެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުކުރަންޖެހޭ ކަމަށާއި އަދި ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރުމަށާއި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސްކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންކަން ފާހަގަކޮށް ޚުތުބާގައި ވަނީ މާތްالله އަށް ޝުކުރުދެންނެވުމަށް ކުރާ ޢީދު ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވޭ ކަމަށްވެސް ބުނެފަ އެވެ. އަދި އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެއް ކަމަށާއި މި އިޙުތިފާލުތަކުގައި އެހެން ނަސްލުތަކުގެ މުސްލިމުންވެސް ބައިވެރިކުރާންވާނެ ކަމަށް ބުނެފައިވެ އެވެ.