ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ އަހަރުތަކެއްގެ މެދުކެނޑުމަކަށް މި އަހަރު އެނބުރި އަންނަ އިރު، 'ވައިބް' ކިޔާ ފިލްމަކުން ވެސް އޭނަ ފެންނާނެކަން އިއުލާންކޮށްފި އެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ވަަރަށް ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އެނބުރި އަންނަ ފިލްމަކީ މި އަހަރުގެ އޮގަސްޓް 14 އަށް ތާވަލުކޮށްފައިވާ ސަނީ ޑިއޯލްގެ 'ލާހޯރް، 1947' އެވެ. މިއީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
'ލާހޯރް 1947' އިން ޕްރިތީ އެނބުރި އަންނަ އިރު، މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.
މި އަހަރު އޭނަ ފެންނާނެ ދެވަނަ ފިލްމަކީ އެކްޝަން ކޮމެޑީ 'ވައިބް' އެވެ. މިއީ އެކްޓަރު ކުމާރު ލިޔެ، ޑައިރެކްޓްކޮށް މުހިއްމު ރޯލެއް ކުޅެފައިވާ އެއްޗެކެވެ. ވައިބްގެ ކާސްޓްގައި ޕްރިތީ އާއި ކުނާލްގެ އިތުރުން ސްޕާޝް ޝްރިވަސްތާވްގެ އިތުރުން ވަންޝިކާ ދީރް ހިމެނެ އެވެ.
'ވައިބް' ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ސިނަމާތަކަށް ފިލްމު ގެނައުމަށް ފަހު މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލާނެކަން އިއްޔެ އެ ޕްލެޓްފޯމުން އިއުލާންކޮށްފައުވެ އެވެ.
'ވައިބް' އަކީ ސައިފް އަލީ ޚާންގެ ކޮއްކޮ ސޯހާ އަލީ ޚާނާ ކައިވެނިކޮށްގެން އުޅޭ ކުނާލްގެ ދެވަނަ ޑައިރެކްޝަނެވެ. އޭނަ ލިޔެ، ޑައިރެކްޓްކޮށް، ފުރަތަމަ ގެނެސްދިން ފިލްމަކީ ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓާ ގުޅިގެން 2024 ގައި ގެނެސްދިން ކްރައިމް ކޮމެޑީ 'މަދުގާއޯ އެކްސްޕްރެސް' އެވެ.
މި އަހަރު ދެ ފިލްމަކުން ޕްރިތީ، 51، ބެލުންތެރިންނާ ބައްދަލުކުރާ އިރު، އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ސަނީގެ 2018 ގެ 'ބެއްޔާޖީ ސުޕަހިޓް' އެވެ. ޕްރިތީގެ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 'ސޯލްޖާ'، 'މިޝަން ކަޝްމީރު'، 'ކަލް ހޯ ނަ ހޯ'، 'ދިލް ޗާތާ ހޭ'، 'ކިޔާ ކެހެނާ، ވީރް-ޒާރާ' އަދި 'ސަލާމް ނަމަސްތޭ' އަދި 'ކޮއި މިލް ގަޔާ' ހިމެނެ އެވެ.