މާލޭގެ ފްލެޓްތައް މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާންކޮށްފި އެވެ.
މަރާމާތު ކުރަން ހަމަޖެހިފައި ބަނީ ވަރަށް ބޮޑަށް ބާވެފައިވާ މާލެހިޔާ 1 އަދި 2 ފްލެޓްތެކެވެ. ކައުންސިލުން އިއުލާންކުރީ އެ ފްލެޜްތައް އެއް އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓާނެ ބަޔަކު ހޯދުމަށެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް ހޯލްގައި އޮންނާނެ ކަމަށެވެ. އަދި އަގުތައް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 5 ގެ ހެނދުނު 11:00 ގެ ކުރިންނެވެ.
މަރާމާތުގެ މަސައްކަތުގެ ތެރޭގައި މާލެ ހިޔާ 1 އަދި 2 އަށް ދިމާވެފައިވާ ގިނަ މައްސަލަތައް ފާހަގަކޮށް، އެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ހިމަނާފައިވެ އެވެ.
ކައުންސިލުން ބުނީ ފްލެޓްތައް މަރާމާތު ކުރުމުގެ ތެރޭގައި އެ މަސައްކަތާ ހަވާލުވާ ތާރީހުން ފެށިގެން ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި، ފްލެޓް އިމާރާތުގެ ބޭރު ފާރުތަކާއި ސިޑިތައް ހުންނަ އޭރިއާތަކާއި ފްލެޓް އިމާރާތުގެ އާންމު އޭރިއާތަކުގެ ފާރުތަކާއި ޝީޓުތަކާއި އެނޫންވެސް ކުލަލާންޖެހޭ ތަނެއްގައި އަދި ލިފްޓް ހުންނަ ގޯތީގެ އިންފާރުގައި ކުލަލާން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ފްލެޓްތަކުގައި މިހާރު ކުރަން ހުރި ހުރިހާ މަސައްކަތެއްކޮށް، އެއްބަސްވުމުގެ މުއްދަތުގައި މަސައްކަތާ ހަވާލުވާ ފަރާތުން ފްލެޓްތަކުގެ މެއިންޓަނަންސް ހުރިހާ މަސައްކަތެއް ކުރަން ޖެހެ އެވެ.
މާލެހިޔާގައި 60 އެޕާޓްމަންޓް ހުރެ އެވެ. އެއީ މާލެހިޔާ 1 ގެ 36 އެޕާޓްމަންޓާއި މާލެހިޔާ 2 ގެ 24 އެޕާޓްމަންޓެވެ. މާލެހިޔާ އަދި ސިނަމާލޭގައި ޖުމްލަ 161 އެޕާޓްމަންޓް ހުރެ އެވެ.
ދާދި ފަހުން ސަރުކާރުން ފްލެޓްތަކުގެ މީހުންނަށް 100،000ރ. ދޭން ނިންމައިފަ އެވެ.