ރައީސް މުޙައްމަދު މުޢިއްޒު، މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކާ، ޖަމުޢިއްޔާތަކުގެ ވެރިންނާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފި އެވެ.
އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ގާތްތިމާގެ މީހުންނާ، އަވައްޓެރިންނާ އެކުގައި ޢީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން ގުޅުންތައް ބަދަހިވެ، އަދި އީމާންކަން ހަރުދަނާވެ، ﷲގެ ރަޙުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް މި ދުވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެ އެވެ.
މެސެޖުތައް ނިންމަވާލައްވަމުން، މިޢީދަކީ، ހެޔޮރަޙްމަތާ، އަދި މުސްލިމު މުޖްތަމަޢުގައި އޮންނަ އަޚްވަންތަކަމުގެ ރޫޙު، އިތުރަށް ބަދަހިވެގެންދާނެ ޢީދަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ.