Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

އިރާންގެ ހަކަތަ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށްފި

އިރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަރުކަޒުތަކަކީ ސަރަހައްދުގެ ގައުމުތަކުން ހިއްސާވާ ގުދުރަތީ ގޭސް ރިޒާވްގެ ބައެއް ކަމަށާއި ހަކަތަ އުފައްދާ މިފަދަ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބަޔާނުގައިވެ އެވެ.

ހަމައެއާއެކު، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު އަދި ކުވެއިތުގެ ވިޔަފާރި މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް އިރާނުން ދެމުންދާ ހަމަލާތައްވެސް ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެގޮތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ މިފަދަ މުހިންމު ބިނާތަކަށް ހަމަލާދިނުމަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ހުރަހެއް ކަމަށާއި އަދި ތެޔޮ އުފައްދާ ތަންތަނާއި، ފެން އުފައްދާ ކާރުޚާނާތަކާއި އެއާޕޯޓްތައް ފަދަ މުހިންމު ތަންތަނުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މުހިންމުކަން މިފަދަ އަމަލުތަކުން ހާމަވެގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ބަޔާނުގައި ވަނީ ސަރަހައްދީ ސަލާމަތާއި އަމާންކަން ގާއިމުކުރުމަށްޓަކައި، ހަނގުރާމަ ހުއްޓާލުމަށާއި ޑިޕްލޮމެޓިކް މަޝްވަރާތައް އިތުރަށް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.