އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީ ކުރި ސެންޓްރަލް ޕާކު މިރޭ ހުޅުވުމުގެ ގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައި އޮއްވާ ފަހު ވަގުތު އެކަން ކެންސަލްކޮށްފި އެވެ.
އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހަވާ އެރުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި އޮއްވައި ހަވީރު 5:30 ހާއިރު ސަރުކާރުން އަންގައިގެން ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ ހަވާ އެރުވުމަށް ތައްޔާރުކޮށްފައި ހުރި ސެޓަޕް ނަގައިގެން ގޮސްފައިވާ ކަމަށެވެ. މީގެއިން ފެނިގެންދަނީ އެމްއެންޑީއެފް އާއި ފުލުހުނަށް ނުފޫޒު އޮތް މިންވަރު ކަމަށް ޝުއާއު ވިދާޅުވި އެވެ.
"ޕީއެންސީގެ އިހުލާސްތެރިކަން ނެތް ނުފޫޒު ގަދަ މަޖިލިސް މެމްބަރުންނަށް ހަޖަމެއް ނުވޭ އައްޑުއަށް އެއްވެސް ކަމެއް ކުރާކަށް،" ޝުއާއު ވިދާޅުވި އެވެ.
ހަވާ އެރުވުމަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ކައުންސިލުން އެމްއެންޑީއެފަށް އޮތީ ދައްކާފައި ކަމަށާއި ނަމަވެސް އެ ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެ ހަވާ އެރުވުން ކެންސަލް ކޮށްފައިވާ ކަމަށްވެސް ޝުއާއު ވިދާޅުވި އެވެ.
ހިތަދޫ ސެންޓްރަލް ޕާކު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިރޭ 8 ޖަހާއިރު އެވެ. މި ރަސްމިއްޔާތުގައި ތަފާތު އެކި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ހިތަދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. ކައުންސިލުން އެ މަސައްކަތް ހަވާލުކުރީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ މޮޑާން ބިލްޑާސްއާ އެވެެ.
މީގެ ކުރިން ވެސް ހިތަދޫގެ ބައެއް ހިސާބުތަކުގައި ކުޑަކުދިންގެ ޕާކްތަކެއް ހެދި އެވެ. ނަމަވެސް އެތަންތަން ނުބެލެހެއްޓި ވަނީ ވީރާނާވެފަ އެވެ.