Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

މި ސަރުކާރު އައި ފަހުން ވަޒީފާތައް އިތުރުވެއްޖެ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އައިފަހުން ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތަކަށް ފަހު "އެމްއެމްޓީވީ"އަށް ދިން އިންޓަވިއުއްގައި ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހަމައެކަނި ރިސޯޓު އަދި ކޮންސްޓްރަކްޝަންގެ ދާއިރާގެ އިތުރުން އެކި ކުންފުނިތަކަށް ވަރަށް ގިނަ ކޮންޓްރެކްޓާ ފައިނޭންސިން ޕްރޮޖެކްޓުތައް ލިބުމުން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އަދި މަސައްކަތްތައް އެހާ ގިނަވުމުން ބައެއް ފަހަރު ވަޒީފާތަކަށް މީހުން ލިބުން ވެސް ދަތިވާ ކަމަށާއި ނަމަވެސް ވަޒީފާގެ ފުރުސަތުތައް ވަރަށް ބޮޑަށް މިހާރު ފުޅާވެގެން ގޮސްފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ވަޒީފާގެ ފުރުސަތުތައް ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފި، ހާއްސަކޮށް މި ދެންނެވިހެން ކޮންސްޓްރަކްޝަންގެ ދާއިރާ އާއި އަދި އޭގެ އިތުރުން ވެސް އަމިއްލަ ކުންފުނިތަކުން މި ކުރާ މަސައްކަތްތަކުގައި،" ޒަމީރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ވަޒީފާ ނެތް ރައްޔިތަކު ނެތް މިންވަރަކަށް ވަޒީފާ އުފައްދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.