ހަމަކަށަވަރުން ޙަމްދު ހުރީ މާތް ﷲ އަށެވެ. އަހަރެމެން އެ އިލާހަށް ޙަމްދުކުރަމެވެ. އަދި އަހަރެމެންނަށް ވާގިވެރިވެވޮޑިގަންނަވައި އަހަރެމެންގެ ފާފަތައް ފުއްސަވާދެއްވުން އެދި އެ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އަހަރެމެންގެ ނަފްސުގެ ނުބައިކަމުންނާއި އަހަރެމެންގެ ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށް ދެއްވުމަށް ﷲ ގެ ޙަޟްރަތުގައި އެދެމެވެ.
އެ އިލާހު ހިދާޔަތް ދައްކަވައިފި މީހަކު މަގުފުރައްދާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެ އިލާހު މަގުފުރައްދައިފި މީހަކަށް ހިދާޔަތް ދައްކަވާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.
ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ ކަމަށާއި އަދި ރަސޫލާ ކަމަށް އަހަރެން ހެކިވަމެވެ. ﷲ އެކަލޭގެފާނު ފޮނުއްވީ ހިދާޔަތާއި އަދި ޙައްޤު ދީނާއިގެންނެވެ. އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވައި އަމާނަތް ފުރިހަމަ ކޮށްދެއްވިއެވެ. އަދި އުންމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ﷲ ގެ މަގުގައި ޙައްޤުގޮތުގައި ޖިހާދު ކުރެއްވި އެވެ.
ފަހެ އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ ޞަޙާބިންނަށާއި އަދި ޤިޔާމަތާއި ހަމައަށް އެބޭކަލުންނަށް ތަބަޢަވީ އެންމެންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެއަށްފަހު ދަންނާށެވެ! މިއީ ހިޖުރައިން 1415 ވަނަ އަހަރުގެ ރަމަޟާން މަހަށް ފަހުގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ. ދެ ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލުން މިރޭ މުނާސަބު ވެގެންވެއެވެ. ފުރަތަމަ ކަމަކީ ރަމަޟާން މަސް ނިމުމުން އިންސާނާގެ ޢަމަލުތައް ނިމިގެން ދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ނޫނެކެވެ. ހަމަކަށަވަރުން އިންސާނާގެ ޢަމަލުތައް އޭނާ މަރުވުމުން މެނުވީ ނިމިގެން ނުދާނެއެވެ. އެއީ ﷲ تبارك وتعالى ވަޙީކުރައްވާފައި ވާ ފަދައިންނެވެ.
واعْبُدْ رَبَّكَ حَتّى يَأْتِيَكَ اليَقِينُ [سورة الحجر 99]
މާނައީ: “އަދި އަދި ކަލޭގެފާނަށް ޔަޤީންކަން އަތުވެއްޖައުމަށް ދާންދެން ކަލޭގެފާނު ކަލޭގެފާނުގެ ރައްބަށް އަޅުކަންކުރައްވާށެވެ.”
މާނައަކީ މަރު އަތުވެއްޖައުމަށް ދާންދެނެވެ.
އަދި އެ އިލާހު ޔަޢުޤޫބު عليه السلام އާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
يا بَنِيَّ إنَّ اللَّهَ اصْطَفى لَكُمُ الدِّينَ فَلا تَمُوتُنَّ إلّا وأنْتُمْ مُسْلِمُونَ[سورة البقرة 132]
މާނައީ: “އޭ އަހުރެންގެ ދަރިންނެވޭ! ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ޓަކައި ދީން އިޚްތިޔާރު ކޮށްދެއްވައިފިއެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް ކިޔަމަންތެރިވެގެން ވާ ޙާލުގައި މެނުވީ މަރުނުވާހުށިކަމެވެ.”
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلا مِنْ ثَلاثٍ
މާނައީ: “އިންސާނާ މަރުވުމުން، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެން ދެއެވެ.”
ފަހެ އިންސާނާގެ ޢަމަލުތައް މެދުކެނޑިގެން ދާނެ ކަމެއް ކަމުގައި މަރު މެނުވީ ނަބިއްޔާ ﷺ ކަނޑައަޅުއްވާފައި ނުވެއެވެ.
ދެވަނަ ކަމަކީ ރަމަޟާން މަސް ނިމުމުން ރޯދަ ހިފުމާއި، ރޭއަޅުކަން ކުރުމާ އަދި ޞަދަޤާތް ދިނުން ފަދަ ރަމަޟާން މަހުގައި ކުރަމުން އައި ޢަމަލުތައް މެދުކެނޑިގެން ދާނެ ހެއްޔެވެ؟ ނޫނެކެވެ. ރަމަޟާން މަހުގެ ރޯދަ ނޫނަސް ޝަރުޢުވެގެން ވާ ރޯދަތައް ވެއެވެ. އޭގެތެރޭގައި ޝައްވާލު މަހުގެ ހަ ރޯދަ ހިފުން ހިމެނެއެވެ. ފަހެ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ فَكَأَنَّمَا صَامَ الدَّهْرَ
މާނައީ: “ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފި މީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ.”
މި ހަ ދުވަހުގެ ރޯދަ ރަމަޟާން މަހާއި ޖެހިގެން ހިފުން އެދިވިގެން ވެއެވެ. މާނައަކީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އަދި ހަ ރޯދަ ނިމެންދެން ޖެހިޖެހިގެން ހިފާނީއެވެ. އެއީ ހެޔޮކަމުގައި އަވަސްވެގަތުމަށެވެ. އަދި މި ގޮތް ފަސޭހަވެގެން ވެއެވެ. ސަބަބަކީ ރަމަޟާން މަހުގައި ރޯދަ އަށް ހުރުމަށް އާދަވެފައި ވުމުން ޝައްވާލު މަހުގެ ހަ ރޯދަ ޖެހިޖެހިގެން ހިފުމުގައި ފަސޭހަވާނެއެވެ. އަދި ހަ ރޯދަ ލަސްކޮށްފި ނަމަ މާދަން ހިފާނަން މާދަން ހިފާނަން މިގޮތަށް ކިޔާ ކިޔާ ހުއްޓައި ދުވަސްތައް ފާއިތުވެ ހިނގައިދާނެއެވެ.
އަދި މި ހަ ރޯދަ އަކީ ރަމަޟާން މަހާއި ގުޅިފައި ވާ ރޯދަތަކެވެ. ވުމާއެކު ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައި ވާ ރޯދަ ހުއްޓައި، ހަ ރޯދަ މީހަކު ހިފިޔަސް މިކަމުގެ ޘަވާބު (އެބަހީ: މުޅި އަހަރު ރޯދަ ހިފިކަމުގެ ޘަވާބު) ނުލިބޭނެއެވެ. ސަބަބަކީ ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވަނީ
مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ
(މާނައީ: ރަމަޟާން މަހުގެ ރޯދަ ހިފައި، ދެން އެއަށްފަހު..) މިފަދައިންނެވެ. ޤަޟާ ރޯދަ ނުހިފައި ހަ ރޯދަ ހިފައިފި ނަމަ ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ވި ކަމަކަށް ނުވާނެއެވެ.
މީހަކު ބުނެފާނެއެވެ. ފަހަރެއްގައި މީހެއްގެ ޢުޛުރެއް އޮވެދާނެއެވެ. ރަމަޟާން މަހުގެ ރޯދަ ދޫކޮށްލީ ބައްޔެއްގެ ސަބަބުން ކަމުގައި ވެދާނެއެވެ. އަދި ޝައްވާލު މަހުގެ ފަހުކޮޅާއި ހަމައަށް ބަލީގައި އުޅެދާނެއެވެ. ދެން މާތް ﷲ ބަލިން ޝިފާ ދެއްވުމުން ރަމަޟާން މަހުގެ ރޯދަތައް ހިފާ ނިމޭއިރު ޝައްވާލު މަސް ފާއިތުވެ ހިނގައިދާނެއެވެ.
މި ޙާލަތުގައި ބުނަމެވެ. އެ މީހަކު ޤަޟާ ރޯދަތައް ހިފުމަށް ފަހު އެއާއި ވިދިގެން ޝައްވާލު މަހުގެ ހަ ރޯދަ ހިފާނީއެވެ. އެއީ ޛުލްޤަޢިދާ މަހު ކަމުގައި ވިޔަސް މެއެވެ. ޝައްވާލު މަސް ނިމިފައި ވިޔަސް ހަ ރޯދަ ހިފާނީއެވެ. އެއީ އެފަދަ މީހަކަށް ރޯދަ ނުހިފި ވަނީ ޢުޛުރަކާއި ލައިގެންނެވެ. ވުމާއެކު ރަމަޟާން މަހުގައި ޢުޛުރަކާއި ލައިގެން ރޯދަ ދޫކޮށްލާ މިހާ ފަހުން އެ ރޯދަ ޤަޟާ ކުރާ ފަދައިން މިފަދަ މީހާވެސް (ޝައްވާލު މަހުގެ ހަ ރޯދަ) ފަހުން ޤަޟާ ކުރާނީއެވެ.
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެން ވާ ރޯދަތަކުގެ ތެރޭގައި ޢަރަފާތް ދުވަހުގެ ރޯދަހިފުން ހިމެނެއެވެ. ނަބިއްޔާ ﷺޙަދީޘްކުރެއްވިއެވެ.
صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ
މާނައީ: “ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ.”
އެއީ ޙައްޖުވެރިއާ ފިޔަވައެވެ. ފަހެ ޙައްޖުވެރިއާގެ މައްޗަށް ޢަރަފާތް ދުވަހުގެ ރޯދަ ސުންނަތް ވެގެން ނުވެއެވެ. އެއީ އެ ދުވަހުގައި ދުޢާ ކުރުމުގައި މީހާގެ ހަށިގަނޑު ގަދަކޮށް ބެހެއްޓުމަށް ޓަކައެވެ.
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެން ވާ ރޯދަތަކުގެ ތެރޭގައި ޢާޝޫރާ ދުވަހުގެ ރޯދަ ހިމެނެއެވެ. އެއީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. އެއީ މޫސާ (عليه السلام) އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކޮށްދެއްވައި ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން ހަލާކު ކުރެއްވި ދުވަހެވެ. މި ދުވަހުގެ ކުރިން ނުވަވަނަ ދުވަހު ވެސް ރޯދައަށް ހުންނާނެއެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
لَئِنْ بَقِيتُ إِلَى قَابِلٍ، لَأَصُومَنَّ التَّاسِعَ
މާނައީ: “ފަހެ ޖެހިގެން އަންނަ އަހަރު ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވާ ނަމަ ނުވަވަނަ ދުވަހު ރޯދަ ހިއްޕަވާހުށީމެވެ.”
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެން ވާ ރޯދަތަކުގެ ތެރޭގައި ޛުލްޙިއްޖާ މަހުގެ (ފުރަތަމަ) ދިހަ ދުވަހު ރޯދަހިފުން ހިމެނެއެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْ
މާނައީ: “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.”
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެން ވާ ރޯދަތަކުގެ ތެރޭގައި ކޮންމެ މަހަކު ތިން ރޯދަ ހިފުން ހިމެނެއެވެ. މަހުގެ ފުރަތަމަކޮޅު ވިޔަސް މެދުތެރޭ ވިޔަސް ނުވަތަ ފަހުކޮޅު ހިފިޔަސް މައްސަލައެއް ނެތެވެ. އެހެނީ ނަބިއްޔާ ﷺ ކޮންމެ މަހަކު ވެސް ތިން ރޯދަ ހިއްޕެވިއެވެ. މިކަމުގައި އެންމެ މޮޅުއިތުރު ވެގެންވަނީ ކޮންމެ މަހެއްގެ ވެސް 14،13 އަދި 15 ވަނަ ދުވަހު ހިފުމެވެ.
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެން ވާ ރޯދަތަކުގެ ތެރޭގައި (ކޮންމެ ހަފްތާއަކު) ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިފުން ހިމެނެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
تُعْرَضُ الْأَعْمَالُ يَوْمَ الِاثْنَيْنِ وَالْخَمِيسِ، فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ
މާނައީ: “ހޯމަ އަދި ބުރާސްފަތި ދުވަހުގައި الله ގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ލޯބިކުރައްވަމެވެ.”
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެން ވާ ރޯދަތަކުގެ ތެރޭގައި ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުރުން ހިމެނެއެވެ. މިއީ ރޯދަތަކުގެ ތެރެއިން އެންމެ މާތް ރޯދައެވެ. ނަބިއްޔާ ﷺ ޢަބްދުالله ބުން ޢަމްރު ބުން އަލްޢާޞް އަށް ޙަދީޘްކުރެއްވިއެވެ.
صُمْ يَوْمًا وَأَفْطِرْ يَوْمًا، فَذَلِكَ صِيَامُ دَاوُدَ، وَهُوَ أَفْضَلُ الصِّيَامِ
މާނައީ: “ކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަވާށެވެ. އެއީ ދާވޫދު (عليه السلام) ހިއްޕެވި ރޯދައެވެ. އަދި އެއީ އެންމެ މާތް ރޯދައެވެ.”
ދެން މިވަނީ ރޭއަޅުކަމެވެ. ރަމަޟާން މަސް ނިމުމާ އެކު ރޭއަޅުކަން ކުރުން ނިމިގެންދާނެ ހެއްޔެވެ؟ ނޫނެކެވެ. ރޭއަޅުކަމަކީ ކޮންމެ ރެއަކު ވެސް ކުރުން ޝަރުޢުވެގެން ވާ އަޅުކަމެކެވެ. އެންމެ މޮޅުއިތުރީ ރޭގަނޑުގެ ދެބައި ފާއިތުވީއްސުރެ ރޭގަނޑުގެ ހަބައިކުޅަ އެއްބައި ވެއްޖައުމަށް ދާންދެން ރޭއަޅުން ކުރުމެވެ. ރޭގަނޑުގެ ދެބައިގެ ފުރަތަމަ ބައިގައި ނިދާނީއެވެ. އަދި ތިންބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރާނީއެވެ. އަދި ރޭގަނޑުގެ ހަ ބައިން އެއްބަޔަށް ވުމުން (އަނެއްކާ ވެސް) ނިދާނީއެވެ. ނަބިއްޔާ ﷺ ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞްއަށް އިރުޝާދު ދެއްވާފައި ވަނީ މިފަދައިންނެވެ.
إن هذا قيام داود وهو أفضل القيام
މާނައީ: “ހަމަކަށަވަރުން މިއީ ދާވޫދު عليه السلام ކުރެއްވި ރޭއަޅުކަމެވެ. އަދި ރޭއަޅުކަމުގައި އެންމެ މާތްވެގެންވަނީ މިގޮތެވެ.”
ފަހެ މިގޮތަށް ފަސޭހަވެގެން ނުވާ މީހާ ރޭގަނޑުގެ ފަހުބައިގައި ކިތަންމެ ކުޑަކޮށް ނަމަވެސް ރޭއަޅުކަން ކުރާނީއެވެ. ސަބަބަކީ ރޭގަނޑުގެ ތިންބައިކުޅަ ފަހުބައިގައި އަހަރެމެންގެ ރައްބު ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވަތެވެ.
مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
މާނައީ: “ތިމަން އިލާހަށް ދުޢާ ކުރާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް ދުޢާ އިޖާބަކުރައްވާހުށީމެވެ. އަދި ތިމަން އިލާހަށް ކަމަކަށް އެދި ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް އެ އެއްޗެއް ދެއްވާހުށީމެވެ. ތިމަން އިލާހަށް ފާފަފުއްސަވައި ދެއްވުމަށް އެދި ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް ފާފަ ފުއްސަވާ ދެއްވާ ހުށީމެވެ.”
އަދި ރޭއަޅުކަން ވިތުރީގެ ރަކުޢަތުން ނިންމާލާށެވެ. އެހެނީ ނަބިއްޔާ ﷺ އާ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.
مَثْنَى مَثْنَى، فَإِذَا خَشِيَ الصُّبْحَ صَلَّى وَاحِدَةً، فَأَوْتَرَتْ مَا قَدْ صَلَّى
މާނައީ: “(ރޭއަޅުކަން ވަނީ) ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކަށް ފަޖުރު ލުމުގެ ބިރު ހީވެއްޖެނަމަ، އެއް ރަކުޢަތް ކޮށް ޢަދަދު ވިތުރިކޮށްލާށެވެ.”
ދެން މިވަނީ ޞަދަޤާތް ދިނުމެވެ. މިވެސް ރަމަޟާން މަސް ނިމުމުން ކެނޑިގެންދާނެ އަޅުކަމެއް ނޫނެވެ. ޞަދަޤާތް ދިނުމަކީ ކޮންމެ ވަޤުތަކު ވެސް ޝަރުޢުވެގެން ވާ އަޅުކަމެކެވެ. ހެޔޮ ތައުފީޤު ލިބިގެން ވާ މީހާ އޭނާގެ ކެއިން ބުއިމާ އަދި އޭނާގެ އަހުލުންނަށް ކުރާ ޚަރަދަކީ ވެސް ޞަދަޤާތެއް ކަމުގައި ހަދައެވެ. ތިބާ ތިބާގެ ނަފްސަށް ކުރާ ހޭދައަކީ ޞަދަޤާތެކެވެ. އަދި ތިބާގެ އަހުލުންނަށް ކުރާ ހޭދައަކީ ޞަދަޤާތެކެވެ. އަދި ކިއެއް! ތިބާގެ އަހުލުންނަށް ކުރާ ހޭދަ އެހެން މީހަކަށް ކުރާ ހޭދައަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
ތިބާގެ އަތުގަ ދިހަ ރިޔާލަ (ސަޢޫދީ ރިޔާލަ) އޮވެ، އެ ދިހަ ރިޔާލަ ހޭދަކުރާނީ ޙާޖަތް ޖެހިގެންވާ ތިބާގެ އަހުލުންގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ފަޤީރަކަށް ދޭނީ ހެއްޔެވެ؟ ބުނަމެވެ. މިފަދަ މީހާ އެ ލާރީ އޭނާގެ އަހުލުންނަށް ހޭދަކުރާށެވެ.
ދެން ޤުރުއާން ކިޔެވުމެވެ. ޤުރުއާން ކިޔެވުން ވެސް ރަމަޟާން މަސް ނިމުނު ކަމުގައި ވިޔަސް މެދުކެނޑިގެން ނުދާނެއެވެ. ޤުރުއާން ކިޔެވުމަކީ ކޮންމެ ވަގުތެއްގައި ވެސް ކުރުން ޝަރުޢުވެގެން ވާ ކަމެކެވެ. އިންސާނާ ޤުރުއާން ނުކިޔެވި އޭނާއަށް ވަޤުތު ދަތިވުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ކިޔެވުމަށް ވަކި މިންވަރެއް ކަނޑައަޅައި އެކަމަށް ރައްކާތެރިވުން އެދެވިގެންވެއެވެ.
މަސްދަރު: އިލްމު.އެމްވީ