މިއީ އޭ.އައި ގެ ޒަމާނެވެ. ސޯޝަލް މީޑިއާ ގެ މައްޗަށް ނަޒަރެއް ހިންގާލާއިރު އެންމެ ގިނައިން ފެންނަނީ އަސްލު ނޫން "ފޭކް" ފޮޓޯތަކާއި، ވީޑިއޯ ކްލިޕްތަކާއި އެފަދަ ޚަބަރު ތަކެވެ. ފޭކް ފޮޓޯ އެއް ހަދާލުމަކީ މިއަދު އެންމެ ސިކުންތުކޮޅެއްގެ ކަމެކެވެ. އަޅުގަނޑުމެނަށް ވާގޮތަކީ އޭގައި އަޅުގަނޑުމެންނަށް ހިތްއެދޭ ވައްތަރު ވާހަކައެއް ނުވަތަ ގޮތެއް ހުރި ނަމަ ޝެއަރ ކޮށްލެވެނީއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް ސީނިއަރ މުޙުތަރަމް ބޭފުޅުންނަށްވެސް ޖަޒުބާތުގައި މިކަންތައް އެބަ ކުރެއްވެއެވެ.
މި ހިނގަމުން މިދާ ހަނގުރާމައިގައި އަޅުގަނޑުމެން ދިވެހިން އެދެނީ އީރާން މޮޅު ވާށެވެ. ވީމާ ޙަގީގަތަށްވުރެ މާބޮޑުކޮށް އީރާނަށް މޮޅުވާ ގޮތަށް ހަދާފައި ފަތުރަމުން ގެންދާ ޚަބަރު ތަކާއި، ފޮޓޯ ތަކާއި އަދި ވީޑިއޯ ތަކުން ސޯޝަލް މީޑިއާ މިވަނީ ފުރިފައެވެ. ޙަގީގަތަކީ އީރާން އެކުރަމުން ދަނީ "އެގްޒިސްޓެންޝަލް" ނުވަތަ ދެމިއޮތުމާއި ނުއޮތުމުގެ ހަނގުރާމައެކެވެ. އީރާން ކުރިމަތި ލައިގެން އެއުޅެނީ ދުނިޔޭގައި ތިބި އެންމެ ބާރުގަދަ އަދި ޖައްބާރު ދެ ގައުމާ އެވެ. ވީމާ އެއީ އީރާނަށް ފަސޭހަ ޙާލަތެއް ނޫނެވެ.
ޚަބަރަކީ ނުވަތަ ތަޞްވީރަކީ ޙަގީގަތެއްތޯ ނުވަތަ ފޭކް އެއްޗެއްތޯ ދެނެގަންނަން މިއަދު
މިވަނީ ނުހަނު އުނދަގޫ ކަމަކަށް ވެފައެވެ. ސަބަބަކީ މައިގަނޑު ބައިނަލް އަޤްވާމީ ނުވަތަ "މެއިންސްޓްރީމް" މީޑިއާ ތަކުން ވެސް ޚަބަރު ތައް ފަތުރަނީ އެބައެއްގެ ކޮޅު ބުރަވާ ގޮތަށެވެ. ވަކިކޮޅަކަށް ނުޖެހި، އިންސާފަށް "ނިއުޓްރަލް" ގޮތެއްގައި ޚަބަރު ފަތުރާ އެއްވެސް މީޑިއާ އެއް ނޯންނާނެއެވެ.
ތިރީގައި މިވަނީ ޚަބަރުތަކުގެ ތެދު ދޮގު ބެއްލެވުމަށް ނަޒަރު ހިންގަވައި ލެއްވިދާނެ ކަމަށް ފެންނަ ބައެއް ނުގުތާ ތަކެވެ. ކުރުގޮތަކަށް ދަންނަވާ ނަމަ، މިޒަމާނުގައި އެއްވެސް ޚަބަރެއް ނުވަތަ އާދަޔާޚިލާފު ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެއީ ތެދު އެއްޗެއްކަން ޔަގީން ވެއްޖައުމަށް ދާންދެން އެއެއްޗަކާއިމެދު ދެކެން ޖެހޭނީ އެއީ ދޮގު އެއްޗެެއް ކަމުގައެވެ.
1. ޚަބަރު ފަތުރާ މަޞްދަރުގެ އަޞްލު ދެނެގަތުން: ޚަބަރެއް ނުވަތަ ފޮޓޯއެއް ފެނުމުން އެންމެ ފުރަތަމަ އެ އެއްޗެއް އައިސްފައިވާ ލިންކަށް ނުވަތަ ވެބްސައިޓަށް ބައްލަވާށެވެ. ބައެއް ފަހަރު މަޝްހޫރު ނޫސްތަކުގެ ނަމާއި ވައްތަރު ގޮތަކަށް ޔޫއާރުއެލް (URL) ހަދާފައި ހުރެދާނެ އެވެ.
2. ފޮޓޯ އާއި ވީޑިއޯގެ ކޮލިޓީއަށް ބެލުން: އޭއައި ބޭނުންކޮށްގެން ހަދާފައި ހުންނަ ފޮޓޯތަކުގައި އާދަޔާ ޚިލާފު ކަންތައްތަކެއް ހުންނާނެއެވެ. ހަނގުރާމައިގެ މައިދާން ތަކުން ނެގޭ މަންޒަރުތަކަކީ ޢާންމު ގޮޮތެއްގައި ވަރަށް ނުސާފު، ދުރުން ނެގޭ މަންޒަރުތަކެކެވެ. އާދަޔާޚިލާފަށް ސާފު ފޮޓޯއެއް ނަމަ އެ އެއްޗެއްވުން ގާތީ ފޭކް އެއްޗަކަށެވެ. ނުވަތަ އެފަދަ ފޮޓޯއެއް ލިބުމަކީ ވުމަށްވުރެ ނުވުން ގާތް ފޮޓޯއަކަށް ވެދާނެ އެވެ.
މިސާލަކަށް ނަތަންޔާހޫ މަރުވެފައި ނުވަތަ ޒަޚަމް ވެފައި އޮތް ފޮޓޯއެއް، ނުވަތަ އީރާނުގެ އިސް ބޭފުޅުން ތިއްބެވި ބިންގަރާހެއް ގޮވާ މަންޒަރު ފަދަ އެއްޗެއްސަކީ އިޒްރޭލުންވެސް ނުވަތަ އީރާނުންވެސް ޝާޢިޢު ކުރާނެ އެއްޗެއްސެއް ނޫނެވެ. ނަތަންޔާހޫ ބޮލަށް ބިންގަރާހުގެ ސީލިން ވެއްޓޭ ފޭކް ވީޑިއޯ ކްލިޕެއް "އަލްޖަޒީރާ" ގެ އެއްޗެއްގެ ގޮތުގައިވެސް އެބަ ފަތުރައެވެ.
3. އެހެން އިތުބާރު ހުރި މަޞްދަރުތަކާ އަޅާކިޔުން: ވަރަށް ބޮޑު ޚަބަރެއް ހަމައެކަނި އެންމެ ފޭސްބުކް ޕޭޖަކުން ނުވަތަ އެކްސް (Twitter) އެކައުންޓަކުން ފެންނަނަމަ، އެއީ ދޮގު ޚަބަރަކަށް ވުން ގާތެވެ. އެހެން މީޑިއާތަކުން އެ ޚަބަރު ރިޕޯޓުކޮށްފައިވޭތޯ ބައްލަވާށެވެ.
4. ލިޔުމުގައި ހުންނަ ބަސްމަގާއި އިމްލާ ކުށްތައް: ސީރިއަސް ޚަބަރު ފަތުރާ އިދާރާތަކުން ލިޔުންތައް ޝާއިޢުކުރާނީ ވަރަށް ބޮޑަށް ބަލައި ކުށް އިޞްލާޙު ކުރުމަށްފަހުގައެވެ. ގިނަ ޢަދަދަކަށް އިމްލާ ކުށް ހުރުމާއި، މާބޮޑަށް ޖަޒުބާތީ ބަސްތައް ބޭނުންކޮށްފައި ހުރުމަކީ އެއީ ފޭކް އެއްޗެއްކަމުގެ ނިޝާނެކެވެ.
5. ތާރީޚުތައް ޗެކްކުރުން: ބައެއް ފަހަރު މީގެ އަހަރުތަކެއް ކުރީގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް، މިހާރު ހިނގަމުންދާ ކަމަކާ ގުޅުވައިގެން ފަތުރާފާނެއެވެ. މިއީ ވަރަށް ޢާންމު ކޮށް ކުރާ ކަމެކެވެ. އެހެންކަމުން އެ އެއްޗެއް އެންމެ ފުރަތަމަ އިންޓަރނެޓަށް އައި ތާރީޚެއް ބެލުމަކީ ބޭނުންތެރި ކަމެކެވެ.
6. ދީނީ އަދި އަޚްލާޤީ ނަޒަރަކުން ވިސްނުން: ކޮންމެ އެއްޗެއް ފެނި ލައްވާ އިރަށް ޝެއަރ ކޮށްލެއްވުމުގެ ބަދަލުގައި، އެއީ ތެދު ޚަބަރެއްތޯ ބެލެން އޮތްގޮތަކަށް ބެއްލެވުމަކީ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާ ކަމެކެވެ.
ފަހު ބަހަކީ، މިޒަމާނުގައި ތެދުކަން ޔަގީން ވެއްޖައުމަށް ދާންދެން ކޮންމެ "މާރަނގަޅު" ނުވަތަ އާދަޔާއި ޚިލާފް ޚަބަރަކާއި މެދު ބައްލަވަން ޖެހޭނީ އެއީ ދޮގު ޚަބަރެއް ކަމުގައެވެ.
މިސާލަކަށް މި ޕޯސްޓުގައިވާ ލިއުމަށް ކޮންމެވެސް ފޮޓޯއެއް ހަދައިދޭން އަޅުގަނޑު އޭ.އައި އަރިހުން އެދުމުން ދެތިން ސިކުންތުގެ ތެރޭގައި ހެދި ފޮޓޯ ތިރީގައި އެވަނީ އެވެ. ރާއްޖޭގެ މަންޒަރެކެވެ. "ހަސަނު" އެ އިންނެވީ ފޭކް ނިވްސް ބައްލަވާށެވެ. ކުޑަ ކޮށް ބައްލަވާލެއްވުމުން ފޮޓޯގެ ފޭކް ކަން ފެންނާނެއެވެ. ލެޕްޓޮޕް އިން ފެންނަ ދިވެހި އަކުރުތައް ނުބަ އެވެ. ޖޯލި ހުރީ ފާޑަކަށެވެ. ގޭގޭގެ ގޯތިތެރެއިން އެގޮތަށް ސައިކަލެއް ނުދުއްވާނެ އެވެ. މިފަދަ އެތައް ކަމެކެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.