މީގެ 25 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު ކަބީ ހުޝީ ކަބީ ޢަމް (ކޭ3ޖީ) ގެ ދެވަނަ ބައެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ކަރަން ޖޯހަރް ދޮގުކޮށްފި އެވެ.
ޕޮޑްކާސްޓް ޝޯ ދަ ރައިޓް އެންގަލްގައި އޭނަ ބުނީ 2001 ގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައެއް ހެދުމަކީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. ކަރަން ބުނީ 'ކޭ3ޖީ' އަކީ އެތަކެއް ހަނދާންތަކާ ގުޅިފައިވާ އަދި އެތައް ބައެއްގެ ހިތްތަކުން ވެސް ޖާގަ ހޯދާފައިވާ ވަރަށް ހާއްސަ ފިލްމަކަށްވާތީ އެ ފިލްމުގެ ޖަޒުބާތު ގެއްލުވައިލަން ބޭނުން ނުވާ ކަމަށެވެ.
"އެހެންވެ ކޭތުރީޖީގެ ހަނދާންތަކާއި ޖަޒުބާތުތައް ހަލާލުކޮށްލާކަށް ބޭނުމެއް ނޫން." ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
ކަރަން ބުނީ ބެލުންތެރިން އަދިވެސް 'ކޭ3ޖީ' އަށް ލޯބިކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އެހެންވެ އެއީ ލެގަސީއެއް އޮތް ފިލްމެއް ކަމަށް ބުންޏެވެ.
އާއިލީ ގުޅުންތަކެއް ދައްކުވައި ދިން 'ކޭ3ޖީ' ގެ މައިގަނޑު ކާސްޓުންނަކީ އަމީތާބް ބައްޗަނާއި އަންހެނުން ޖަޔާ ބައްޗަނާއި ޝާހްރުކް ޚާނާއި ކާޖޮލް އާއި ރިތިކް ރޯޝަންގެ އިތުރުން ކަރީނާ ކަޕޫރެވެ. މި ފިލްމަކީ ކަރަންގެ ދެވަނަ ޑައިރެކްޝަނެވެ. އޭނަ ޑައިރެކްޝަނަށް ނުކުތީ 1998 ގެ 'ކުޗް ކުޗް ހޯތާ ހޭ' އިންނެވެ.
ކަރަންގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު 2023 ގައިި ގެނެސްދިން 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އެވެ.
ކަރަން ބުނެފައިވާ ގޮތުގައި އޭނަ ޑައިރެކްޓްކުރާ 8 ވަނަ ފިލްމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ އެވެ. އެކަމަކު އެއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަކަށް ދީފައެއް ނުވެ އެވެ.