އެއްވެސް މީހަކު މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދޭނެ ކަމަށާއި އެ އަމާޒަށް މި ސަރުކާތުން މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސް ދުވަހުގެ ތެރޭގައި އެންމެން ޝާމިލު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
"އަދި ކުރިއަށް އޮތް ތަނުގައި ވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ.
"މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮ ކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުން." ރައީސް ވިދާޅުވި އެވެ.
ޑައުން ސިންޑްރޯމަކީ ހަށިގަނޑުގެ ސެލްތައް އުފެދުމުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކްރޮމޮސޯމް 21 ވަނަ ޖޯޑުގައި އިތުރުވާ ކްރޮމޮޒޯމެއްގެ ސަބަބުން އިންސާނާގެ އުފެދުމަށް އަންނަ ތަފާތެކެވެ.. މީގެ ސަބަބުން އެ މީހެއްގެ ޖިސްމާނީ ހެދިބޮޑުވުމާއި ސިކުޑީގެ ވިސްނުމަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. އެހެންވެ ޑައުން ސިންޑްރޯމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް އަޅާލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 21 ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެ ވެ. މިއަހަރު ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" އެވެ.