އައްޑޫ ސިޓީ ހިތަދޫގައި ތަރައްގީ ކުރި ސެންޓްރަލް ޕާކު ރޭ ހުޅުވުމުގެ ގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައި އޮއްވާ ފަހު ވަގުތު އެކަން ކެންސަލް ކުރީ ސިޔާސީ ނުފޫޒުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ތުހުމަތުކޮށްފި އެވެ.
އައްޑޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވުމަށް ނިންމީ އީދު ދުވަހުގެ މުނާސަބަތުގައި އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކަމަށާއި އެ ރަސްމިޔާތުގައި ހަވާ އެރުވުމަށް މީގެ ދެ މަސް ކުރިން ސިފްކޯއާ ކައުންސިލުން ހަވާލުކޮށް، ފައިސާ ދައްކާފައިވާ ކަމަށެވެ.
އެގޮތުން ހަވާ އެރުވުމަށް ބޭނުންވާ ބަނޑިބޭހާއި އެހެނިހެން ސާމާނު ގެނެސް ތައްޔާރީތައް ވުމަށްފަހު އިވެންޓު ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން "ޓެކްނިކަލް މައްސަލައެއް ދިމާވެގެން" ކަމަށް ބުނެ ސިފްކޯއިން ހަވާ އެރުވެން ނެތް ވާހަކަ އެންގި ކަމަށް ކައުންސިލުން ބުންޏެވެ.
"ހަވާ އެރުވެން ނެތް ކަމަށް ބުނެ ސިފްކޯއިން ސިފްކޯއިން އެއްބަސްވުމާ ހިލާފަށް އެތަނުން ތަކެތި ނަގައިގެން ގޮސްފައިވަނީ، ސިޔާސީ ނުފޫޒެއްގެ ތެރެއިން ލިބިފައިވާ ބޭއިންސާފު އަމުރެއްގެ ދަށުން ކައުންސިލްގެ އަގު ވައްޓާލުމަށް،" ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
އެމްއެންޑީއެފްއަކީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދޭންޖެހޭ މުއައްސަސާއެއްކަން ފާހަގަކޮށް ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނީ، މިއީ އެފަދަ މުއައްސަސާއަކުން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ދެކޭ ކަމަށެވެ.
"މި ހިދުމަތް ފޯރުކޮށްދޭ ސިފްކޯގެ މި ބޭއިންްސާފު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.