Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަކީ ނަމޫނާ ބައެއް

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަކީ ސާބިތުކަމުގެ ނަމޫނާ ދައްކަމުންދާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ފަސްޓް ލޭޑީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ތެރޭގައި އެކަހެރިވުމާއި އެކަނިވެރިކަން ގިނަ ފަހަރަށް ތަހައްމަލުކުރަން ޖެހޭ ބައެއް ކަމަށާއި އެހެންނަމަވެސް، އެއީ ލޯތްބާއި، އޯގާތެރިކަމާއި، ސާބިތުކަމުގެ ނަމޫނާ ދައްކަމުންދާ ބައެއް ކަމަށެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަމުންދާއިރު، ކޮންމެ މީހަކީވެސް އަގުވަޒަންކުރެވޭ، ގަދަރުވެރި، އަދި މުޖުތަމައުގެ ބައިވެރިއެއްގެ ގޮތުގައި ބަލައިގަންނަ މާހައުލެއް ބިނާކުރުމަށް އަޒުމް ކަނޑައެޅުމަށް ފަސްޓް ލޭޑީ ގޮވާލެއްވި އެވެ.

އެގޮތުން މިއަދާއި އަދި ކޮންމެ ދުވަހަކީވެސް، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ބަހައްޓާ ގާތްކަން އިތުރުކޮށް، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމުގެ އިހުސާސް ނުކުރެވޭނެ ފަދަ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވި އެވެ.

މީގެއިތުރުން މުޖުތަމައުގެ ތެރޭގައި އެންމެން ހަމަހަމަ ބައިވެރިންގެ ގޮތުގައި ބަލައިގަތުމަކީ ހަމައެކަނި ލިބޭ އިނާޔަތެއް ނޫން ކަމަށާއި އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަން ވެސް ފާހަގަކުރެއްވި އެވެ.