Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ކޮންމެ ދަރިވަރަކު ކިޔާލަން ޖެހޭ ލިޔުމެއް!

ލޮބުވެތި ދަރިވަރެވެ. ތިބާ ހޭދަކުރަމުން ތިޔަދަނީ ޙަޔާތުގެ އެންމެ މުހިންމު ދުވަސްވަރެވެ. މިހާރު ކުރަމުން ތިޔަދަނީ އިންތިހާއަށް މުހިންމު އިންވެސްޓްމެންޓެކެވެ. ޢިލްމު އުނގެނުމުގެ މަރުޙަލާގައި ހަނދާނުގައި ބެހެއްޓުން މުހިންމު 3 ކަމެއް މި އާޓިކަލްގައި ހުށަހަޅާލަމެވެ.

އެންމެ މުހިންމު ގުޅުން

ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެންމެ މުހިންމު ގުޅުމަކީ ކުޅަދުންވަންތަ އިލާހާ އޮންނަ ގުޅުމެވެ. އެ ގުޅުން އަބަދުވެސް ތާޒާވަމުން ދާނަމަ، ތިބާގެ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކެއް ކަމުގައި ވެގެން ދާނެއެވެ. އެ ގުޅުން ހީނަރުވާނަމަ، ތިބާ އަބަދުވެސް ހުންނާނީ ”ވަޅޯތާފަނާ” މޯޑުގަ އެވެ. އެހެންކަމުން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާށެވެ. ގި

ނަގިނައިން ޛިކުރުކޮށް استغفارކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ.

ތިބާގެ ”ތިބާ“

ވިޔަފާރިވެރިން ވިޔަފާރީގައި ކުރިއަރައި ދިޔުމަށްޓަކައި ވިއްކަނީ ކޮންމެވެސް އުފެއްދުމެކެވެ. ނުވަތަ ޕްރޮޑަކްޓެކެވެ. ވިޔަފާރިވެރިޔާ އަބަދު ވެސް ބަލާނީ އެ ޕްރޮޑަކްޓް އިތުރަށް ތަރައްޤީކުރެވޭތޯއެވެ. ބާޒާރުގެ ވާދަވެރިކަމާއި ހަމަކުރުމަށްޓަކައެވެ. އެކި ގޮތްގޮތުން އެ ޕްރޮޑަކްޓް އިޝްތިހާރުކުރެވޭތޯ ވެސް ބަލާނެއެވެ.
ތިބާގެ އެންމެ މުހިންމު ޕްރޮޑަކްޓަކީ ކޮބައިތޯއެވެ. އެއީ ޚުދު ”ތިބާ” އެވެ. ތިބާއަށް ލިބިފައި ހުރި ޢިލްމުތަކެވެ. ތިބާގެ ހުނަރުތަކެވެ. ތިބާގެ ފަންނުވެރިކަމެވެ. ތިބާގެ ޤަދަރާއި ޢިއްޒަތެވެ.

އެހެން ކަމުން ގިނަގިނައިން، ފައިދާ ހުރި ފޮތްތައް ކިޔާށެވެ. އައު ހުނަރުތައް ދަސްކުރާށެވެ. (ޝަރީޢަތާއި ޚިލާފު ނުވާނޭ ގޮތުގެ މަތީން ތިބާގެ އުފެއްދުންތެރިކަން އެހެން މީހުންނަށް ދައްކާށެވެ.

ހެޔޮ ނަސޭޙަތް ދޭ މިތުރުން

ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި މައިންބަފައިންނަށް ކިޔަމަން ވާށެވެ. ތިބާއަށް ހެޔޮ ނަސޭޙަތް ދޭ މީހުންގެ ނަސޭޙަތްތައް ބޮލާލައި ނުޖަހާށެވެ. ޚާއްސަކޮށް ފުރާވަރުގެ އުމުރުގައި މިކަމަށް އިތުރު ސަމާލުކަމެއް ދޭންވާނެއެވެ. ގިނަ ދަރިވަރުން ”މައި ވީއްލި” ތިމާއަށް ތިމާފެނި ކިޔެވުމަށް ފަރުވާކުޑަކުރެވެން ފަށަނީ މި ޢުމުރުފުރާގައެވެ.

އަބަދު ވެސް ހަނދާންކުރާށެވެ. ތިބާގެ މައިން ބަފައިން ތިބާއަށް އެ ނަސޭޙަތް ދެނީ ޙަޔާތުގެ އެތައް ފުރޮޅުންތަކެއް ތަޖުރިބާކޮށްފައެވެ. އެހެންކަމުން މައިންބަފައިން ހެޔޮ ނަސޭޙަތެއް ދީފިނަމަ ”ކޮލުދަތުން” އޭގައި ހިފާށެވެ.

މަސްދަރު: އިލްމު.އެމްވީ