އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި މުޝްރިފް ވިދާޅުވީ އައްޑޫއަށް މިވަގުތު 13 މެގަވޮޓްގެ ކަރަންޓު ބޭނުންވާ ކަމަށާއި ނަމަވެސް އިންޖީނުގޭގައި ތިބި ގިނަ އިންޖީނުތަކުގެ ހާލަތު ވަރަށް ދަށް ކަމަށެވެ. ނަމަވެސް އެ އިންޖީނުތަކަށް ކުރަންޖެހޭ ހަރަދުތައް ބަރާބަރަށް ކުރަންޖެހޭއިރު، އަދި ސަޕްލައި ނެޓްވޯކުގެ ހާލަތު ވެސް އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި މީގެ އެއް ސަބަބަކީ މަގު ހެދުމުގެ ތެރޭގައި ލިބުނު ގެއްލުންތައް ކަމަށް މުޝްރިފް ވިދާޅުވި އެވެ.
އައްޑޫގެ މަގުތަކުގައި ތިބި ޓްރާންސްފޯމަރުތައް ވެސް ތިބީ ވަރަށް ބޮޑަށް ބާވެފައި ކަމަށާއި ރަނގަޅަށް މިފަދަ ތަންތަން ނުބެލެހެއްޓޭ ކަމަށް މުޝްރިފް ވިދާޅުވި އެވެ.
ކަރަންޓަކީ އަސާސީ ހައްގެއް ކަމަށްވާއިރު މި ހައްގު އައްޑޫ ރައްޔިތުންނަށް ހޯދައިދިނުމަކީ ސިޓީގެ ވެރިޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އާރާއި ބާރު އޮވެގެން މިކަމަށް ދާއިމީ ހައްލެއް ނުހޯދުނީ ކީއްވެގެންތޯ އެއީ ކުރަންޖެހޭ ސުވާލެއް ކަމަށްވެސް މުޝްރިފް ވިދާޅުވި އެވެ.
މުޝްރިފް ވަނީ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އައްޑުއަށް ކުރިމަތިވެފައި އޮތް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދައި ދެން އޮތް ފަސް އަހަރު ވޯޓު ހޯދަން ނުދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.