Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މެންބަރު އައިބީގެ ދަނބިދަރި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް

ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ސ.ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީގެ ދަނބިދަރި، ސ.ފޭދޫ މުތީގޭ އިބްރާހިމް ނަސީމް ހަމަޖައްސައިފިއެވެ.

އިބްރާހިމް ނަސީމް ކޯޑިނޭޓަރަކަށް ހަމަޖެއްސިކަން ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

އިބްރާހިމް ނަސީމް ކުރިން ވަޒީފާ އަދާކުރަމުން ދިޔަ ބޭންކް އޮފް މޯލްޑިވްސް ގަން ބްރާންޗްގެ ވަޒީފާ ދޫކޮށްލާފައިވަނީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމު ހަމަޖެހުމާއި ގުޅިގެންނެވެ.

އައްޑޫގައި މިވަގުތު ވެސް ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރަކު ހުރެއެވެ. އެއީ ފެބްރުއަރީ 8ގެ ބޮޑުހުޅު ހާދިސާގެ ދައުވާ އުފުލާފައިވާ ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރ އަހްމަދް މިރުޒާދުއެވެ.

އައްޑޫގައި ޔޫތް މިނިސްޓްރީގެ އިތުރު ކޯޑިނޭޓަރަކު ހުންނަ ގޮތަށް ހަމަޖައްސާފައިވާއިރު، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް ކޯޑިނޭޓަރުން މަސައްކަތް ނުކުރައްވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.