ވ.ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް، ކަނޑުމަގުން 3450 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، ކަނޑު އަޑިން ފީނައިގެން 7000 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން މިއަދު ވެސް ކަނޑުމަގުންނާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ. މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު އެވެ. އޭގެ ތެރެއިން ގެއްލުނީ އިންޑިއާގެ ދެ މީހެކެވެ.