ރިސޯޓެއްގެ ޕޫލަކަށް ވެއްޓި ގެނބިގެން ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ކުއްޖެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.