Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ކަންނެލި ޕްރޮސެސިން ފެކްޓްރީއެއް އަޅަނީ

މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ޓަކައި، ތިން އެމްއޯޔޫއެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އެއްބަސްވުންތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުން ކަމަށެވެ.

މި އެމްއޯޔޫ ތަކުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމު ކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.

ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީއެމްއީސީ އާއި މިފްކޯއާއި ދެމެދު ސޮއި ކުރި މި ތިން އެމްއޯޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.