މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަވުމުން އަބޫދާބީ ފެންވަރަށް އައްޑޫ ސިޓީ ހުޅުދޫ ބަދަލުވާނެ ކަމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އައްޑޫ ހުޅޫދޫ ދާއިރާގެ ޕީއެންސީ މެނިފެސްޓޯ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝާޑު ވިދާޅުވީ އައްޑުއާ މެދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްޕުޅުގައި އޮންނަ ލޯތްބާއި އިހުތިރާމާއި އަދި އައްޑުއަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ރައީސް މުއިއްޒު ރެޔާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާތަން ފެންނަ ކަމަށެވެ.
ހުޅުދޫ އާއި މީދޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި އެގޮތުން ހުޅުދޫގައި ހެދިފައި ހުރި މަސް ފެކްޓްރީއަށް އިތުރު ބަދަލުތައް ގެނެސް، މުޅިން އެހެން ސިނާއަތަކަށް އެތަން ބަދަލުވެގެން ކުރިއަރައިގެންދާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރައްވަމުން ޝާޑު ވިދާޅުވީ އޭގެ ނަތީޖާއަކީ އިތުރު 250 ވަޒީފާ އުފެދިގެން ދިޔުން ކަމަށެވެ.
އަދި ހުޅުދޫގައި ގާއިމުކޮށްފައިވާ ގޭދޮށު މަސްފެކްޓްރީ މިފްކޯގެ ބެލުމުގެ ދަށަށް ގެނެސް އެތަނުގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ވެސް ވަޒީފާތައް އިތުރުވެގެންދާނެ ކަމެއް ކަމަށް ޝާޑު ވިދާޅުވި އެވެ.
މީގެއިތުރުން ހުޅުދޫގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށިފައިވާ ކަމަށާއި އަދި ހުޅުދޫގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް އެޅުމަށް ވެސް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށް ޝާޑު ވިދާޅުވި އެވެ.
"މެނިފެސްޓޯ އިން އެ ފުރިހަމަވެގެންދާ ކަންތައްތަކަކީ، އޭގެ ނަތީޖާއަކަށް ވާނީ މި ރަށް (ހުޅުދޫ) އަބޫދާބީ ފެންވަރަށް ބަދަލުވެގެންދިޔުން. އަބޫދާބީއޭ ބުނީމަ ބައެއް ބޭފުޅުން އެއަށް ޖޯކުވެސް ޖެއްސެވި، ހަޖޫވެސް ޖެއްސެވި. އެއީ އަޅުގަނޑުމެންނަށް ލިބޭ ހިތްވަރެއް. ސަބަބަކީ އެބޭފުޅުންނަކަށް ނޭނގޭ އަބޫދާބީ މީގެ ކުރީގައި އޮތް ހާލަތު. މިއަދު އެތަން ބަދަލުވީ ކިހިނެއް ކަމެއް،" ޝާޑު ވިދާޅުވި އެވެ.
ޝާޑު ވަނީ ބޭނުން ވަނީ ރަށުގެ ރައްޔިތުންނާއެކު މަސައްކަތް ކުރާނެ އަދި ރަށުގެ ރައްޔިތުންގެ އަޑުއަހައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ހުޅުދޫ އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.