މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ހިންގާ ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ޗައިނާ މެޝިނަރީ އިންޖީނިއަރިން (ސީއެމްއީސީ) އިން ހުޅުމާލެ 2 ގައި އެޅުމަށް ހަމަޖެހިފައިވާ 1،224 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ ސަރުކާރުން އޮތީ ކޮންޓްރެކްޓަރުންނާއި ޑިވެލޮޕްވަރުންނާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމަށާއި ސަރުކާރުން ދެވެން އޮތް އެހީތެރިކަމާއި ލުއިތަކެއް ދީގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ކަމަށެވެ.
"މިއީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް. މިއީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ސަރުކާރެއް. މިއީ ރައްޔިތުންނަށްޓަކައި ޑެލިވާ ކުރާ ސަރުކާރެއް." މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ބީއެމްއެލް އިން ކުރިއަށްގެންދާ ހައުސިން މަޝްރޫއަކީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ މުހިންމު ބައެއް ކަމަށާއި މިއާއެކު ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ ފަދަ މަޝްރޫއު ފެށުމަށް މިހާރު އިއުލާންކުރެވިފައިވާ ކަމަށެވެ. އެގޮތުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް މި ތަނުން ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި އަމިއްލަ ބޯހިޔާވަހިކަން މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުންކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން ތަރައްގީކުރާ ތިން ކޮޓަރީގެ 3,260 ހައުސިން ޔުނިޓަކީ މަހަކު 60,000 ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާނެ ތަންތަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.