Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ސަރުކާރު ޖަވާބުދާރީ ކުރުވުން އޮތީ ބަންދުވެފައި: ކުޑޫ

މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގުތައް އޮތީ ބަންދުވެފައި ކަމަށާއި އެހެންވެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާނުގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގައި އޭނަ ވިދާޅުވީ މިހާރު ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިބެ އިދިކޮޅު އެމްޑީޕީން އެތައް މަސައްކަތެއްކުރި ނަމަވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހުރިހާ މަގެއް އޮތީ ބަންދުވެފައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލިޔާ ސިޓީތަކަށް ޖަވާބުދެއްވަން ޖެހޭނެ. ސަރުކާރު އޮފީސްތަކުން ވެސް އަޅުގަނޑުމެން އަހާ އެއްޗިއްސަށް ހޭ ވެސް އަހާނުލާނެ. މިވަގުތު މިހާތަނަށް 60 އަށް ވުރެ ގިނަ ސުވާލު ވަޒީރުންނަށް ފޮނުވިފަ ވާނީ. ގާނޫނީ ގޮތުން ޖަވާބުދާރީ ވާންޖެހޭ މުއްދަތު ހަމަވެފައި،" ކުޑޫ ވިދާޅުވި އެވެ. "ހަމަ އެއްވެސް އެއްޗަކަށް ޖަވާބުދާރީ ނުވެ އެ ތިއްބަވަނީ ނޫންތޯ. އަޅުގަނޑުމެންނަށް ކިހިނެއްތޯ ސަރުކާރު ޖަވާބުދާރީ ކުރުވޭނީ. ރައްޔިތުންނާ ކޮންމެހެން ފޯރުކޮށް ދޭން ޖެހޭ ޚިދުމަތްތަކުގަ ވެސް ސަރުކާރު ޖަވާބުދާރީ ނުވޭ."

އޭނަ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރާ ކަމަށާއި އެ ޒިންމާ އެ ޕާޓީން އަދާކުރަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީ އަށް އެ ޒިންމާ އަދާކުރެވޭނެ ހުރިހާ މަގެއް ރުކާރުން އޮތީ ބަންދުކޮށްފައި ކަމަށް ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވެސް އެ ފުރުސަތު ނުދޭ ކަމަށެވެ. އޭނަ ވިދާޅުވީ މި ސަރުކާރު އައި ފަހުން ދައުލަތުގެ މީޑިއާ އިން އިދިކޮޅުގެ އަޑު އިއްވަން ފުރުސަތު ނުދޭ ކަމަށެވެ.