Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

6 ކިލޯގެ ޑްރަގް އެތެރެކުރި ބަޔަކު ހައްޔަރަށް

ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްބާ އީޝްވަރުމުރިތީ ޝަންމުގަމް، 24، އާއި ޔުތިޝް ރާޖް ރަޖަން، 27، އެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކޯޓު އަމުރުގައި ބުނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަހުގީގުކުރުމަށްޓަކާއި މީހުންނާއި ތަކެތި ހަވާލުކުރާ ފޯމާއި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ދެ މީހުންގެ ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުން ހަ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މި ފަހަކަށް އައިސް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ބިދޭސީންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.