Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ގައުމީ އިނާމަށް މި ހަފުތާގައި ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި ހަފުތާގައި ހުޅުވައިލަން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޤައުމީ އިނާމާބެހޭ ކޮމިޓީން އެ ފުރުސަތު ހުޅުވައިލާނީ އަންނަ ބުދަ ދުވަހު ކަމަޑެވެ. އަދި ފޯމު ހުށަހަޅެމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ އަންނަ މަހުގެ 30 އާ ހަމައަށެވެ.

މި އަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. އިނާމަށް އެދި ފޯމުހުށަހަޅާ އިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދެ އެވެ.

ޤައުމީ އިނާމަށް މި އަހަރު ވެސް ހުޅުއްވައިލެއްވުމަށް ނިންމަވައިފައި ވަނީ، މައިގަނޑު 39 ދާއިރާއަކުންނެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހޭ ވޭ ގޮތަށް ވެސް ހަމަޖައްސައިފައެވެ.

ޤައުމީ އިނާމު ދޭނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މެއި މަހު މަހުގެ 6 ގައި ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.