އައްޑޫ ހިތަދޫގައި އިއްޔެ ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް މާލެ ގެންގޮސްފި އެވެ.
އިއްޔެ ހަވީރު 5:00 އެހާކަށްހާ އިރު ހިތަދޫ އަބޫހެރެ ހިއްކި ސަރަހައްދުގައި ހިނގި ހާދިސާގައި ފަސް މީހަކަށް އަނިޔާވި އެވެ. ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ދުއްވަން އިން މީހާއަށެވެ. އެއީ 41 އަހަރުގެ މީހެކެވެ. އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި މާލެ ގެންގޮސް އޭނަ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޗީއެމްއެޗްގަ އެވެ.
އެތަނުން ބުނީ އޭނަ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

ކާރު ފުރޮޅާލި ހާދިސާއާ ގުޅިގެން އޭގައި ތިބި އެންމެންނަށް އަނިޔާވެ އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާ އަށް ފަހު ދޫކޮށްލައިފަ އެވެ. އަދި އެކަކަށް އޭއީއެޗްގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ބާރު ސްޕީޑްގައި ދުއްވަނިކޮށް ފުރޮޅާލި ކާރަކީ ހިތަދޫ ވިޝަން ޓެކްސީގެ ކާރެކެވެ. އެ ހާދިސާގައި ކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.