Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ރިތިކް ގެނެސްދޭ 2 ސީރީޒްގެ ޓީޒާތައް ދައްކާލައިފި

އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން ޕްރޮޑިއުސްކޮށް ގެނެސްދޭން އިއުލާންކުރި ދެ ސީރީޒްގެ ޓީޒާ ޓްރެއިލާތައް ދައްކާލައިފި އެވެ.

"ސްޓޯމް" އާއި "މެސް" ގެ ޓީޒާރައް ދައްކައިލީ މި އަހަރު ޕްރައިމް ވީޑިއޯ އަށް ދޫކޮށްލަން ހުރި އިންޑިއާގެ ކޮންޓެންޓްތައް އިއުލާންކުރަން މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގައި ބޭއްވި އިވެންޓްގަ އެވެ. "ސްޓޯމް" އާއި "މެސް" އަކީ ރިތިކްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެޗްއާރްއެކްސް އިން ގެނެސްދޭން އުޅޭ ދެ ސީރީޒެވެ.

މީގެ ތެރެއިން "ސްޓޯމް" އަކީ ފަސް އަންހެނެއްގެ ވާހަކަ ކިޔައިދޭނެ ތުރިލާއެކެެވެ. އަޖިތުޕަލް ސިންގް ޑައިރެކްޓްކުރާ ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ އަލާޔާ ފަރްނީޗަރުވާލާ އާއި ޝްރިޝްތީ ސްރިވާސްތާވް އާއި ރާމާ ޝަރުމާ އާއި ޕާރްވަތީ ތިރުވޮތޫގެ އިތުރުން ރިތިކްގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދެވެ.

ސައިކޮލޮޖިކަލް ތުރިލާއެެއްގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ "މެސް" އަކީ އޯސީޑީ ހުންނަ މީހެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. ރާޖޭޝް އޭ ކްރިޝަން ޑައިރެކްޓްކުރާ މި ސީރީޒްގެ ލީޑުން ފެންނާނީ ޕްރަތީކް ގާންދީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ރަންވީރު ޝޯރޭ، ގަޖްރާޖް ރާއޯ އަދި އަނޫރާގް ތާކޫރް ހިމެނެ އެވެ.

"ސްޓޯމް" އާއި "މެެސް" ގެ ޓީޒާތައް ދައްކައިލި ނަމަވެސް ދެ ސީރީޒް ވެސް ބެލުންތެރިންނަށް ދޫކޮށްލާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.