ފެމިލީ މިނިސްޓްރީގެ އާ ވެބްސައިޓު މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
އާ ވެބްސައިޓްގައި 'އެހީވަމާ' ބައިގެ ދަށުން ފެނިގެންދާ މިނިސްޓްރީ ޓްރަސްޓް ފަންޑަށް ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެހީ ފޯރުކޮށް ދެވޭނެ އެވެ.
މި ވެބްސައިޓް msfd.gov.mv މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
• ޢާއިލާއަކަށް ކާން ދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން
• ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ އާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން
• ކުއްޖަކު ސްޕޮންސަ ކުރުން: ސްޕޮންސަޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައި ދިނުމުގައި ބައިވެރިވުން
• ވޮލަންޓިއަ ނުވަތަ އިންޓަންއަކަށްވުން: މިނިސްޓްރީގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.
• އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ އާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށް ދިނުން.
މިނިސްތްރީން ބުނީ މިއީ މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.