ރަމަޟާން މަހަކީ އަޅުގަނޑުމެންނަށް އެތައް ފިލާވަޅެއް ދަސްކޮށްދިން މަދަރުސާއެކެވެ. އޭގެތެރޭއިން އެންމެ މުހިއްމު ދެ ފިލާވަޅަކީ ރޭ އަޅުކަން ކުރުމާއި ޤުރްއާން ކިޔެވުމެވެ.
ފާއިތުވެ ދިޔަ 30 ދުވަހު، ކޮންމެ ރެއަކު، ރޭއަޅުކަން ކުރި މީހަކު، ރަމަޟާން މަސް ނިމުމުން އެކަން ދޫކޮށްލަން ހެޔޮ ނުވާނެއެވެ.
ކިތައްމެ ކުޑަ މިންވަރަކުން ވިޔަސް ރޭއަޅުކަން ކުރުމުގައި ދެމި ހުންނާށެވެ. އިޝާ ނަމާދު ފަހުން ނުވަތަ ހާރުދަމުގައި ކުރި ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އެމީހަކަށް ފަސޭހަ ގޮތަކަށެވެ. ދެ ރަކްޢަތުގެ ދަމުނަމާދަކާާއި ވިތުރީގެ އެއް ރަކްޢަތް ވެސް ކުރެވިދާނެއެވެ.
އަނެއްކަމަކީ ކޮންމެ ދުވަހަކު ޤުރްއާން ކިޔަވާނެ މިންވަރެއް ކަނޑައެޅުމެވެ. އެއް ފޮތް ނުވަތަ ބައި ފޮތް ނުވަތަ 2 ޞަފްޙާ ކިޔެވިޔަސް މައްސަލައެއް ނެތެވެ. އެމީހެއްގެ ހިތްވަރު ހުރިވަރަކުންނެވެ. އެމީހަކަށް ވީވަރަކުންނެވެ. މުހިއްމީ ކޮންމެ ދުވަހަކު ވެސް ޤުރްއާން ކިޔެވުމެވެ. އެންމެ ދުވަހެއް ވެސް ޤުރްއާން ނުކިޔަވާ ފާއިތުވެ ދިޔަ ދީގެން ނުވާނެ އެވެ. އެންމެ ދުވަހެއް ދޫކޮށްލިޔަސް ދެން އެއްކޮށް ދޫވާނީއެވެ.
އެހެންކަމުން މި ދެ އަޅުކަން މަތީ ދެމި ހުރެވޭތޯ މަސައްކަތް ކުރާށެވެ.
ނޯޓް: މިއީ ޝައިޚް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.