Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ތެލުގެ އަގުބޮޑެއް ނުކުރާނެ: ޒަމީރު

ރާއްޖެ އަށް ދުވަހުން ދުވަހަށް ބޭނުންވާނެ ތެޔޮ އެބަހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އުފެއްދި މިނިސްޓަރުންގެ ކޮމިޓިން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި އޭނަ ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަޢުލަތުގެ އާމްދަނީއަށާއި، އަމިއްލަ ވިޔަފާރިތަކުގެ އާމްދަނީއަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ޢަދަދު މަދުވުމުގެ ސަބަބުން އޭގެ އަސަރު ކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ. ނަމަވެސް މިކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ގުޅުންހުރި ފަރާތްތަކާ ގުޅިގެން އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކާއި، ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ކާޑުގެ ބާވަތްތައް ދުވަހުން ދުވަހަށް ރާއްޖެއަށް އެތެރެވާ ގޮތް ރާވާ ޚިދުމަތުގެ އަގުތައް އެކަށިގެންވާ ވަރެއްގައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ކުރާ ވިޔަފާރިއެއް. އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ގެއްލުމެއް ވިޔަނުދީ މަސައްކަތް ކުރަމުން ދަނީ." ޒަމީރު ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ، ރާއްޖޭގެ ސްޓޮކްގައި އެކަށީގެންވާ ވަރަށް ތެޔޮ އެބަހުރި ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ ދެ ޝިޕްމަންޓެއް މިހާރުވެސް ރާއްޖެ ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރުން ޑީސަލާއި ޕެޓްރޯލްގެ ޝިޕްމަންޓެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން= އޮމާންގެ ސޮހާރުން އިތުރު ޝިޕްމަންޓެއް ވެސް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ބައެއް ސިނާޢަތްތަކަށް ޚާއްސަކޮށްގެން ތެލުގެ އަގު ބޮޑުކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަަނީ އެކަށިގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށް ދިނުމަށް ކަމަށެވެ.