Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅުގައި ނެތް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅުގައި ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ ހަވާލުވެވަޑައިގެންނެވިއިރު ހުރިހާ އިދާރާތަކެއް ވަނީ ވިއްސިވިހާލިވެފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ހަމައެކަނި ކުރަން ބޭނުންވާ ކަމަކީ ވެރިކަން ހޯދުން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވިއިރު މި ސަކާރަތް ޖަހަން ޖެހުނު ހަގީގީ ސަބަބަކީ ހަގީގަތުގަ އެ ބޭފުޅުންގެ ވިސްނުމުގާ ސިޔާސަތެއް، އަމާޒެއް ނެތުން. ވެރިކަން ހޯދުން އެއީ ހަމައެކަނި ކުރަން ބޭނުންވެފައިވާ ކަން ކަމުގައިވެފައިވާތީ. މީހުން ވެރިކަން ހޯދަނީ މި ދެންނެވިހެން ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ. ސިޔާސީ މަސައްކަތުގައި އުޅެނީ ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ. އެ ނޫން ނިޔަތެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވަންޏާ އަވަހަށް ގެއަށް ވަޑައިގަންނަވާ، ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ އިދިކޮޅުގެ ސިޔާސަތުގައި އޮތީ ވެރިކަން ހޯދުން އެކަނި ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް ފިކުރެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ދުނިޔޭގެ އިދިކޮޅު ޕާޓީގައި ތިބެގެންވެސް މީހުން ގައުމަށް ހިދުމަތްކުރޭ. އެެހެންނަމަވެސް މި ބޭފުޅުންގެ މި ވިސްނުމެއް، މި ފިކުރެއް ނެތް" ނާޒިމް ވިދާޅުވި އެވެ.

ތަރައްގީވަމުން އަންނަ ގައުމަކަށް މުހިންމު ކަމަކީ ދެމެހެއްޓެނެވި ގޮތަކަށް ތަރައްގީގެ މަސައްކަތް ކުރުން ކަމަށާއި ސިޔާސީ ސަކަރާތުގެ ތެރެއަށް ގައުމު ދޫކޮށްލެވެން ނެތް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.