ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިން ވަނަ ފަހަަރަށް އެންމެ ފަހުން ހުޅުވައިލީ މި އަހަރުގެ ޖެނުއަރީ މަހުގެ 22 ގަ އެވެ. އޭރު ޕްރޮޕޯސަލް ހުށަހަޅަން ދިން މުއްދަތު ހަމަވާނީ މި މަހުގެ 25 އަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 20 އާ ހަމައަށް އިތުރުކޮށްފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެކަމާ ގުޅިގެން އިތުރު ވަގުތު ބޭނުން ވާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައި ވަނީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށެވެ.
އެ ހިދުމަތް ދޭން ބަޔަކާ ހަވާލު ކުރަން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ.
ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ވިޔަފާރީގެ އުސޫލުން ހަމިންބާޑްގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވެ އެވެ.