Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

6 ކިލޯގެ ޑްރަގް އެތެރެކުރި މީހުންގެ ފޮޓޯ އާންމުކޮށްފި

ވައިގެ މަގުން ރާއްޖެ އަށް ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފިތުރު އީދު ދުވަހު ހައްޔަރުކުރި ދެ މީހުންނަކީ ޔުތިޝް ރާޖް ރާޖަން، 27، އާއި އީޝްވަރުމުރިތީ ޝަންމުގަމް، 24، އެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އެ މީހުންގެ އަތުން 6،590 ގްރާމްގެ ހަޝިޝް އޮއިލް ފެނިފައިވާ އިިރު، އޭގެ މަގުމަތީގެ 5،272،000 ރުފިޔާ އަށް އަރަ އެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފަ އެވެ.