ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށާއި އެއީ ޗޮއިސްްއެއް ވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ އަކީ ސައްތަ އިން ސައްތަ މުސްލިމު ގައުމަކަށްވާތީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ. އެހެންވެ ރާއްޖޭގައި އެކަން ކުރަން ޖެހޭ ކަމަށާއި އެކަން ކުރުމާއި ނުކުރުން އެއީ ގައުމުގެ ވެރިމީހާ އަށް ވެސް ލިބިދޭ އިހުތިޔާރެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް މަރުގެ ހުކުމް އިއްވާފައިވާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެހެންވެ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށާއި އެ ބިލު މަޖިލީހަށް އަންނަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން އެ ބިލް މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށް ގާނޫނަކަށްވުމާ އެކު، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން ބިލު ތަސްދީގުކުރެވުނީމަ ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ، މަރުގެ ހުކުމް ތަންފީޒު ކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކަރުން ކުރާނެ." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އިރު، ވަކި މިންވަރަކަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަބަދު ދޭން ވެސް ދާދި ފަހުން ގާނޫނުން ވަނީ ކަނޑަޅައިފަ އެވެ.