ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ އަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާތީ، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާ އެކު، ތެލުގެ ވިޔަފާރި އަށް ކުރާ އަސަރުތައް ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވެސް ތެލުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމުގެ އަސަރު ދިވެހި ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް އަސަރު ކުރާނެ ގޮތަކަށް ކަމަށެވެ.
ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ވިސްނައި ބައެއް ކަންކަން ކުރަން ރާވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ތެލުގެ ނެޝަނަލް ރިޒާވެއް ގާއިމް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި ނެޝަނަލް އޮއިލް ރިޒާވެއް ގާއިމް ކުރަމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ. "އޭގެ ވިސްނުމަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފޭސްއަކަށް ބަހާލައިގެން ދޮޅު އަހަރު ނުވަތަ ދެ އަހަރު ފޭސްއެއް ހިމެނޭ ގޮތަށް އޮއިލް ރިޒާވެއް ގާއިމް ކުރުން."
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވީ ރާއްޖޭގައި ތެޔޮ ރައްކާ ކުރެވޭ ކެޕޭސިޓީ އިތުރު ކުރަން މަޝްރޫއެއް ކުރިއަށް ގެންދަން މިހާރު އޮތީ ނިންމައިފަ އެވެ. އެގޮތުން އަހަރު ދުވަހަށްވާ ވަރަށް ތެޔޮ ރައްކާ ކުރެވޭނެ ނިޒާމެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ،