Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ދަނޑުވެރިކަން ކުރަން ހާއްސަ ލުއިތަކެއް ދެނީ

ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތި އުފައްދަން އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދާއިރާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ އަމިއްލަ ފަރާތްތަކަށް އިތުރު ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށާއި ލުއިތައް ދޭނީ، ރާއްޖޭގައި އުފެއްދޭ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ދިމާވެފައިވާ ހާލަތުގައި އިންސެންޓިވްތައް ދިނުމަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތި އުފެއްދުމަށް ޕްރައިވެޓް ސެކްޓާގެ ފަރާތްތަކަށް ޚާއްސަ އިންސެންޓިވްތަކެއް ދިނުމަށް އަޅުގަނޑުމެންގެ ވިސްނުން މިއޮތީ،" ރައީސް ވިދާޅުވި އެވެ. "އޭގެ ތެރޭގައި ހިލޭ ބިން ޕްރޮވައިޑްކޮށް ދިނުން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ފަރާތްތައް އެދާއިރާއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ޕްރޮވައިޑް ކޮށްދިނުން. ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކުގެ ޚާއްސަ ލުއިތަކެއް ދިނުމަށް އަޅުގަނޑުމެން ގަސްތުކުރަން."