Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ބޮޑުކަންނެލި ދޯނިތަކަށް ތެލުގެ ސަބްސިޑީ

ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދޭން ނިންމައިފި އެވެ.

ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާ މަޝްވަރާކޮށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމީ އެވެ.

ތެލަަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެން މިހާތަނަށް ބޮޑުކަންނެލީގެ މަސްވެރިންނަށް އެންސިސް ފިޝަރީޒް އިން ހިލޭ ދޫކުރަމުން އައި އައިސް މިދިޔަ ހަފުތާގައި ވަނީ ދޫކުރުން ހުއްޓާލައިފަ އެވެ. މިކަމުގެ ސަބަބުން ވެސް ބޮޑުކަންނެލީގެ މަސްވެރިންނަށް ދަތިތައް ދިމާވެފައިވެ އެވެ.