Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ރެފަރެންޑަމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެ ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފި އެވެ.

އެ މައްސަލަ މި މަހުގެ 17 ގައި ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމެވެ.

އެ މައްސަލާގައި ބުނެފައިވަނީ ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ އަދި އެ އިސްލާހުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރެވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނު އީސީ) އިން އާންމުކޮށްފައިވާ އިއުލާނުގައިވާ އިންތިހާބުގެ ސުވާލުގައި އެ ބައެއް ނުހިމެނޭކަން ފާހަގަކޮށްފައިވެ އެވެ.

އަންނަ މަހު 4 ގައި ރެފެރެންޑަމްގައި އަހާ ސުވާލަކީ މިއެވެ؛ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟