Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

މަޖިލީހުގައި ޒުވާނުންނަށް ގޮނޑި ހާއްސަ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވަކި ޕަސެންޓެއް ގޮނޑި 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރަން އަދި ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

މިކަމް ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން އަންނަ މަހުގެ 4ގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު، ދައުލަތުގެ ވަރަށް ގިނަ ކަންކަމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުން ބިނާވާނީ، ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ކަމަށް ވިދާޅުވި ވެ. އޭގެ ތެރޭގައި މަޖިލީހުގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ބައެއް ކަންކަން ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މަޖިލީހުގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނަށް އިސްލާހުތައް ހުށަހަޅާއިރު ދިރާސާކުރަމުންދާ ދެ ކަމެއް އެބައޮތް. އެއް ކަމަކީ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން،" ރައީސް ވިދާޅުވި އެވެ. "މިހާރު ނޯންނާނެ ވަކި އަދަދެއް ކަނޑައަޅާފައި. އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައެޅުން. މިހާރު އެގޮތަކަށް ވެސް ނޯވޭ."

މީގެ އިތުރުން، ދެން އިސްލާހު ހުށަހަޅާ ކަންކަމުގެ ތެރޭގައި ރިޔާސީ އިންތިހާބު އެއްބުރުން ނިންމާ ގޮތަށް ބަދަލުކުރުމަށް ގެންނަންޖެހޭ އިސްލާހުތަކާއި ރިޔާސީ ދައުރު އަލުން 11 ނޮވެމްބަރަށް ބަދަލުކުރުމަށް ގެންނަންޖެހޭ އިސްލާހުތަކާއި މިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރަން ގެންނަން ޖެހޭ އިސްލާހުތަކުގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަން އިތުރަށް ކަށަވަރުކުރަން ގެންނަންޖެހޭ އިސްލާހުތައް ހިމެނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އިސްލާހުތައް ގެނައުމުގެ ކަންކަން ކުރިއަށްދާނީ އަންނަ މަހު ނަގާ ރެފަރެންޑަމްގެ ނަތީޖާ ނުކުންނަ ގޮތަކަށް ބަލައިފަ އެވެ.