Last Updated: June 5, 06:06
Friday, June 5, 2026
ކޮލަމް

އިސްލާމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް!

މިވޭތުވެގެންދާ ދެތިން އަހަރެއްގެ ތެރޭ އަޅުގަނޑުމެނަށް ފެނިގެން ދަނީ ގިނަ މުސްލިމް ޤައުމުތަކެއްގައި އިސްލާމުންނާ މެދު ނުހަނު ބޮޑެތި އަނިޔާތަކާއި ޤަތުލުޢާއްމުތަކާއި ޖެނޮސައިޑްތަކާއި އެތުނިކް ކްލެންސިން ފަދަ ނުބައި ނުލަފާ ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ ތަނެވެ.

ފަލަސްޠީނުގެ މުޤައްދަސް ބިމުގަޔާއި ޣައްޒާގަޔާއި ސޫދާނުގަޔާއި ސޮމާލިޔާ ފަދަ އެކި އެކި ޤައުމުތަކުގައެވެ.
އަނިޔާ ލިބެމުންދާ މިއިން ކޮންމެ ޤައުމަކަށް ބަލާލިޔަސް ކަމުގެ އަޑީގައި، ކޮންމެވެސް ހައިސިއްޔަތަކުން، މުސްލިމު ޤައުމެއްގެ ނުވަތަ ޤައުމުތަކެއްގެ ބައިވެރިވުންވެއެވެ. ޤައުމޭ މިދަންނަވަނީ އެޤައުމުތަކުގެ ވެރިންނަށެވެ. ސަރުކާރުތަކަށެވެ. ޢާއްމު ރައްޔިތުންނަކަށް ނޫނެވެ. ފައިސާ އާއި ހަތިޔާރުދީގެނެވެ. އިސްލާމުން މަރާސުންނާފަތި ކުރުމަށެވެ.

ހަމަ އެންމެ މިސާލެކެވެ. ފަލަސްޠީނުގެ މުޤައްދަސް ބިމުގަޔާއި ޣައްޒާގައި އެތައް ލައްކަ މީހުނެއް މަރާ، ގެދޮރުތަކާއި ހޮސްޕިޓަލުތަކާއި ކިޔަވައިދޭ ތަންތަނާއި ބޯފެންވަޅުތަކާއި އެންމެހާ ތަނެެއް ފުނޑުފުނޑުކޮށްލި އިރު، ގިނަ އިސްލާމީ ޤައުމުތަކަށް ޢަމަލީ އެއްވެސް ކަމެެއް ކުރާކަށް ނުކެރުނެވެ. މިދެންނެވި ޤައުމުތަކުގައި އަނިޔާ ލިބެމުން ދިޔައީ އަދި މިލިޔާއިރުވެސް އަނިޔާ ލިބެމުން އެދަނީ "ކާފަރު" ފާރިސީ، ޝީޢީންނަކަށް ނޫނެވެ.

މުސްލިމް،ޢަރަބި، ސުންނީންނަށެވެ. އަދި ނުވިތާކަށް ބިލިޔަނުން ޑޮލަރު ދީ އުޅުނީ އަނިޔާ ކުރުމުގެ މަދަދުޤާރުންނަށެވެ. އަދި އެންމެ ބޮޑު އެއް އަނިޔާވެރިޔާއަށް އެތައްސަތޭކަ މިލިޔަނެއްގެ މަތިންދާބޯޓާއި އެތައް ހަދިޔާއެއް ދިނެވެ. މިދެންނެވި މުސްލިމް ޤައުމުތަކުގެ އަނިޔާވެރި ރަސްރަސްކަލުންނާއި އަމީރުންނާއި ރައީސުންނަށް ދަންނަލާހިތްވަނީ މިހެންނެވެ.

وَلَنُذِيقَنَّهُم مِّنَ الْعَذَابِ الْأَدْنَىٰ دُونَ الْعَذَابِ الْأَكْبَرِ لَعَلَّهُمْ يَرْجِعُونَ

މާނައީ އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު ޢަޛާބު (އެބަހީ: ނަރަކައިގެ ޢަޛާބު) ފިޔަވައި ލުއި ޢަޛާބުން (އެބަހީ: ދުނިޔެމަތީގެ ޢަޛާބުން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (އީމާންކަމަށް) ރުޖޫޢަ ވުމަށްޓަކައެވެ. -سورة السجدة 21-

ނޯޓް: މިއީ މުހައްމަދު މުއިއްޒު އަދުނާނުގެ ލިޔުއްވުމެކެވެ.