ތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓްގެ މަޝްރޫއު އާއި މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ތިނަދޫ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ އެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތިނަދޫގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ. މަޝްރޫއުގެ މަސައްކަތުގެ މުއްދަތަކީ 450 ދުވަހެވެ.
މި ދެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.