Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕީއެންސީ ކެންޑިޑޭޓުން ހޮވައިދީ، ތަރައްގީ އާދަޔާ ހިލާފަށް ބާރުވާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދީފިނަމަ ތަރައްގީގެ ސްޕީޑު އާދަޔާ ހިލާފަށް ބާރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދިއްދޫގައި ބޭއްވި ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރުގައި އޮތީ މީގެކުރިން ވެސް ދިއްދޫއަށް ތަރައްގީ ގެނައި ޓީމު ކަމަށާއި އިދިކޮޅު އެމްޑީޕީއަކީ ގައުމު ދަރުވާލި މީހުން ކަމަށެވެ. އެމްޑީޕީ މިހާރު އޮތީ އެއްވެސް ވެރިއަކު އަދި ލީޑާޝިޕެއް ނެތް ހާލަތެއްގައި ކަމަށާއި އެ ޕާޓީން އުޅެނީ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓުގެ ކަންތައްތަކުގައި ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"ދެން ދިއްދޫގެ ތަރައްގީ އަށް އެމްޑީޕީ ކައުންސިލެއް ދެން އައިސްގެން ކޮން މޮޅެއްތޯ ވާނީ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އޭރަކު އޮންނަ ސަރުކާރަކަށް ގޮނޑިތައް ދިނުމަކީ ރަނގަޅު ކަމެއް ކަމަށް އެމްޑީޕީން ވެސް މީގެކުރިން ދިޔައީ ބުނަމުން ކަމަށާއި އެގޮތުން ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދީފި ނަމަ ދިއްދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ސްޕީޑު ދާނީ އާދަޔާ ހިލާފު ބާރަށް ކަމަށެވެ.

"ހަމަ މިގޮތް އޮތީ އެހެން ހުރިހާ ރަށެއްގައި ވެސް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ އަޖުމަ ބަލަން ނަމަވެސް މިފަހަރު ހއ. އަތޮޅުގެ ގޮނޑިތައް ސަރުކާރަށް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ތަރައްގީ ނުގެނެވޭނެ ކަމަށާއި އެއީ މިކަން ކުރަން ދަންނަ ބައެއްވެސް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.