ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ އިރު، އއ. ހިމަންދޫގައި އެކަމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ އެ ރަށް ފަސާދަވެދާނެ ކަމަށް ވިދާޅުވެ ޝައިހް އަހުމަދު ސަމީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ދީނީ ހޭލުންތެރިކަން އުފެއްދުމަށް އޭނަ ހިމަންދު އަށް ކުރެެއްވި ދަތުރަށް ފަހު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހިމެންދޫ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ އެކުވެރި ދީނީ ކަންކަމަށް ސަމާލުކަން ދެއްވާ ބައެއް ކަމަށެވެ.
"ހިމެންދޫން މިއަދު ފެންނަމުން ދަނީ ލޯކަލް ޓޫރިޒަމް އަށް މުޅިރަށް ތައްޔާރުވަމުން އަންނަ މަންޒަރު، މިހިނދުގައި ރަށުގެ ގެސްޓު ހައުސްތަކުގެ ވެރީންނާއި، ރަށު ކައުންސިލާއި އެކި މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ރައްޔިތުން ޙިކުމަތްތެެރި ހަރުދަނާ އުޞޫލުތަކެއް ހަދައި ނުހިފަހައްޓައިފި ނަމަ އެހެން ރަށްތައް ފަދައިން ރަށް ފަސާދަވެ ރަށުގައި އަނބިދަރީން ގޮވައިގެން އުޅުން އެކަށީގެން ނުވާ ދަރަޖައަށް ދިޔުމަކީ ވަރަށް ގާތުގައި އޮތް ކަމެއް." އޭނަ ވިދާޅުވި އެވެ.
މިކަންބޮޑުވުންތަކާ އެކު ސަމީރު ވިދާޅުވީ އިލްތިމާސްއަކީ އެންމެން އެއް ވިސްނުމެއްގައި މަސައްކަތްކޮށް އެފަދަ ގޮތަކަށް ހިމަންދޫގެ ހާލަތު ނުވާނެހެން ކަންކަން މިހާރުންސުރެ ތަރުތީބު ކުރުން ކަމަށެވެ.
އާންމުންގެ ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް މިހާރު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، ބައެއް ރަށްރަށަށް ޓޫރިސްޓުންގެ ފަރާތުން އިސްލާމް ދީނާ ހިލާފު އަމަލުތައް ފެންނާތީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދެ އެވެ. އެގޮތުން ނިވާކަން ކުޑަކޮށް އާންމު ތަންތާނގާގައި އުޅުން ފަދަ މައްސަލަތައް ހިމެނެ އެވެ.
އެހެންވެ މިފަދަ ކަންކަން ހުއްޓުވައި ދޭން މަސައްކަތްކޮށް ދޭން ގޮވާލައި ދާދި ފަހުން ޝައިހް ޒަމްޒަމް ފާރިޝް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.