Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ޓީބީ މަދުވުމަކީ ރާއްޖެ އަށް ފަހުރެއް: ރައީސް

ދުނިޔޭގެ ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ފަޚުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް ޕޯސްޓެއްގައި އެ މަނިކުފާނު ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރައްކާތެރިވެވިދާނެ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެބަލި ނައްތާލުމަށްޓަކައި ހަރުދަނާ ޞިއްޙީ ނިޒާމެއް މުހިންމު ކަމަށާއި ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމައުގެ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓީބީ ބަލީގެ މީހުން މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އެކަން އެގޮތަށް ދެމެހެއްޓުމަޓަކައި ލްޖުމްހޫރިއްޔާ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބޭނުންވާ އަޅާލުން ފޯރުކޮށް ދިނުމުގައި ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢު ގުޅިގެން، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެ ހޭ ކަމަށެވެ.

ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 24 އެވެ.

ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ.