އިންޑިއާގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އަނެއްކާ ވެސް ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ މި ފަހަރު އޭނަ ސޮއިކުރީ މަޝްހޫރު ޕަންޖާބީ އެކްޓަރު ދިލްޖީޖު ދޮސަންޖްގެ ހޮރޯ-ކޮމެޑީ ފްރެންޗައިޒް 'ސަރުދާރުޖީ' ގެ ފުރަތަމަ ދެ ބައިގެ ޑައިރެކްޓުރި ރޯހިތު ޖުގްރާޖް ޑައިރެކްޓްކުރާ ފިލްމަކަށް ކަމަށެވެ. 'ގްރިހާ ޕްރަވޭޝް' ކިޔާނެ ކަމަށް ބެލެވޭ ފިލްމުގެ ޝޫޓިން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލަންޑަންގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ފިލްމުގެ އިތުރު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ.
އަޖޭގެ އެންމެ ފަހުގެ ބިރުވެރި ފިލްމަކީ ޑައިރެކްޓަރު ވިކާސް ބާލް 2024 ގައި ގެނެސްދިން 'ޝައިތާން' އެވެ. އެންމެ 65 ކްރޯޑް ރުޕީސް (6.9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 211.06 ކްރޯޑް ރުޕީސް (22.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
'ޝައިތާން' ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭހެ ދެވަނަ ބައެއް ވެސް ހަދަން އޮތީ ޕްލޭންކޮށްފަ އެވެ.
އަޖޭ ކުޅެފައިވާ އެހެން ބިރުވެރި ފިލްމުތަކުގެ ތެރޭގައި 2003 ގެ 'ބޫތު' އާއި 2005 ގެ 'ކާލް' އަދި 2017 ގެ 'ގޯލްމާލް އެގެއިން' ހިމެނެ އެވެ.
މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ 'ދޭ ދޭ ޕިޔާރު ދޭ 2' އެވެ. މިހާރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮމެޑީ 'ގޯލްމާލް 5' ގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކަށް ވާނީ ޖުލައި އަށް ތާވަލުކޮށްފައި އޮތް ކޮމެޑީ 'ދަމާލް 4' އެވެ.